ތިން ވަޒީރެއްގެ ސުވާލުތަކުގެ ނޯޓިހުގެ މުއްދަތު ހަމަވެއްޖެ

ތިން ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، އެ ބޭފުޅުންގެ ބައެއް ދާއިރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަޖިލީހުގެ އިދާރާ އިން ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރއީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ (އާއިޝާ) އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް، އެ ބޭފުޅުންނާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ ޑީއާރުޕީގެ ލީޑަރުކަމަށް ރޭ ހަމަޖެއްސި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން، ވަޒީރަކާ ސުވާލުކުރަން ހުށަހަޅާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުލައި އެ ބޭފުޅަކަށް މަޖިލިހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ތިން މިނިސްޓަރުންނާ ސުވާލު ކުރެއްވުމަށްޓަކައި ވަޒީރުންނަށް ފޮނުވި ނޯޓިހުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވުމުން މަޖިލިހުން އަމަލު ކުރާ އުސޫލަކީ ރައްދުވާ މިނިސްޓަރާ މަޝްވަރާ ކޮށްގެން، ފަސޭހަ ދުވަހެއްގައި މަޖިލިހަށް ހާޒިރު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިނިސްޓަރު ރާއްޖޭގައި އުޅުއްވާ ދުވަހެއް ހޯދައި މިނިސްޓަރުގެ މަސައްކަތަށް ބަލައިގެން އަދި ސުވާލު ކުރައްވާފައިވާ މެމްބަރާ ވާހަކަ ދެކެވިގެން ސުވާލުތައް މަޖިލިހަށް ގެނައުން. އަދި ވަޒީރުން މަޖިލިހަށް ވަޑައިގެންނެވުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވީހާ ވެސް އަވަހަކަށް ވަޒީރުން މަޖިލިހަށް ވަޑައިގަންނަވާނެ ކަމަށެވެ.

އައިޝާއާ ސުވާލު ކުރަނީ މާލޭގައި ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި ފުލުހުން ސްޓިކާ ޖަހަމުން އަންނަ މައްސަލައިގަ އެވެ. އިމްރާންއާ ސުވާލު ކުރަނީ ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. ޝާހިދާ ސުވާލު ކުރަނީ ރާއްޖެ އިން ގަތަރާ އަލުން ގުޅުން ބަދަހި ކުރުމުގެ މަސައްކަތުގެ ފަހުގެ މައުލޫމާތުތަކާ ގުޅޭ ގޮތުންނެވެ.