ޑީއާރުޕީ ޒުވާންކޮށް، އިދިކޮޅު ވަރުގަދަކުރާނަން: ރިފާއު

ޕީޕީއެމް ދޫކުރައްވައި ޑީއާރުޕީއާ ގުޅިވަޑައިގަތީ އެ ޕާޓީ އަށް ޒުވާނުން އިތުރުކޮށް ސަރުކާރު ޒިންމާދާރުކުރުވުމުގެ ވަރުގަދަ ކޯލިޝަނަކަށް ޖާގަ ހުޅުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ވިދާޅުވެއްޖެ އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނާ ވަރަށް އަރިސް މަޖިލީސް މެމްބަރުންގެ ތެރޭގައި ރިފާއު ހިމެނިވަޑައިގަތެވެ. އެކަމަކު ވެރިކަން ބަދަލުވި ފަހުން ޕީޕީއެމްގެ އިސް ސަފުން އޭނާ ނުފެނެ އެވެ.

ރިފާއު، މިހާރު ވަނީ އެންމެ ކުރިން ހުންނެވި ޕާޓީ، ޑީއާރުޕީއާ އަލުން ގުޅިވަޑައިގެން އެ ޕާޓީގެ ރަޖިސްޓްރާގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.

ރިފާއު "މިހާރު" އަށް ވިދާޅުވީ ޔާމީން އިސްކޮށް ހުންނެވި ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ވަކިވެވަޑައިގަތީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. ޑީއާރުޕީ މިހާތަނަށް މަސައްކަތް ކުރަމުން އައީ ޕީޕީއެމާ ގުޅިގެން ކަން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ވަރުގަދަކުރުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ހިތްހަމަނުޖެހުމެއް ނެތް. ޑީއާރުޕީއާ ގުޅުނީ އިތުރު ޗެލެންޖެއް ނެގުމުގެ ބޭނުމުގައި. މި ޕާޓީ ސިފަވެފައި އޮތީ އުމުރުން ދުވަސްވީ މީހުންގެ ޕާޓީއެއްގެ ގޮތުގައި. އެކަން ބަދަލުކޮށް، ޒުވާނުންގެ ޕާޓީއަަކަށް ހެދުން އަމާޒަކީ،" ރިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑީއާރުޕީ މިހާރު ބަލިކަށިވެފައި އޮތަސް ކުރިއަށް އޮތް ތަނުގައި ފެންނާނީ ސިޔާސީ މަސްރަހުގައި ވަރުގަދަ ޕާޓީއެއްގެ ގޮތުގަ އެވެ. ޕާޓީ އަށް މެމްބަރުން އިތުރުކޮށް، ވަރަށް އަވަހަށް ކޮންގްރެސްއެއް ބާއްވައި ދާއިމީ މަގާމްތައް އެކުލަވާލާނެ ކަމަށް ވިދާޅުވި އެވެ.

"މެމްބަރުން އިތުރު ކުރުމަކީ އެންމެ ފުރަތަމަ މަސައްކަތް. ބޭނުންވަނީ ރަނގަޅު ޒުވާން ލީޑަޝިޕެއް،" ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ ވުޖޫދުން ގެއްލިފައިި އޮތް ޕާޓީ ލަސްތަކެއް ނުވެ ކޮޅަށް ޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް އަދި ކުރީގެ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގަތީ 2008ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ވާދަކޮށް، ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ޕާޓީ ތެރޭގައި މައްސަލަ އުފެދި ދެ ފަޅިވުމުންނެވެ.

ޑީއާރުޕީ ތެރޭގައި މައްސަލަ އުފެދުނީ މައުމޫން އެއްފަރާތްވެވަޑައިގެން، އެ ޕާޓީގެ ލީޑަޝިޕް ހަވާލުކުރާނެ ބޭފުޅަކާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އޭރު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އަދި 2008ގެ އިންތިހާބުގައި މައުމޫންގެ ރަނިން މޭޓަކަށް ހުންނެވި އަހުމަދު ތަސްމީން އަލީ އެވެ. ފަހުން އޭނާ ވެސް ވަނީ ޑީއާރުޕީން ވަކިވެވަޑައިގެން އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.