މަޖިލީހަށް ވަން މައްސަލައިގައި ވައްޑެ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް: ހައި ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި މައްސަލައިގައި އޭނާ ހައްޔަރުކޮށް، ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.


ޖުލައި، 2017 ގައި އޭރުގެ އިދިކޮޅު މެމްބަރުންނާ އެކު މަޖިލީހަށް ވަދެވަޑައިގެންނެވި މައްސަލައިގައި ވައްޑެ ހައްޔަރުކޮށް، އެކި ފަހަރުމަތިން ބަންދުގެ މުއްދަތު އިތުރުކުރި އެވެ. ވައްޑެ ހައްޔަރުކުރީ އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، މަޖިލީހުގެ އިދާރާ އަށް ވަން ކަމަށް ބުނެ އެވެ. އެކަމަކު މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.

އޭރު ވައްޑެ ހައްޔަރުކޮށް، 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ވައްޑެ ހައްޔަރުކުރީ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި ބުނާ ގޮތަށް، ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކޯޓު އަމުރު ހޯދުމެއް ނެތި ކަމަށް ވާތީ އޭނާ ހައްޔަރުކުރި ކުރުން ގޯސް ކަމަށެވެ.

ވައްޑެ ހައްޔަރު ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް އަމުރު ހޯދާފައި ނުވަނީ އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅާފައިވާތީ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ހައި ކޯޓުގެ ހުކުމުގައި ވަނީ މެމްބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު ސުވާލެއް އުފެދޭ ހާލަތުގައި އެކަމުގައި ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ނިންމި މައްސަލައިގައި ވައްޑެގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފައި ވަނިކޮށް، އޭނާ ހައްޔަރު ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ބަހެއް ނުހޯދުމަކީ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ވެސް ވައްޑެ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެކަމަކު ފަނޑިޔާރު ނިޔާޒް ފާހަގަ ކުރެއްވި ސަބަބުތައް ދެން ތިއްބެވި ދެ ފަނޑިޔާރުންނާ ތަފާތެވެ.

ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ އިންތިޚާބުވާ ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން 2017 ގައި ހުކުމް ކުރިޔަސް، ޕާޓީތަކުން ވަކިވާ އިންތިޚާބީ މެމްބަރުންގެ މަގާމުތައް ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލް ކޮށްފައި ނެތް ކަމަށެވެ. އަދި އެ މާއްދާއާ ޚިލާފުވާ ގޮތަށް އެއްވެސް ފަރާތަކަށް އަމަލު ނުކުރެވޭނެ ކަމަށާއި އެހެންވެ، މެމްބަރުން ހައްޔަރު ކުރުމުގެ އަމުރު ހޯދުމުގައި އަމަލު ކުރަން ޖެހޭނީ އިމްތިޔާޒްގެ ގާނޫނުގައި ބުނާ ގޮތަށް ޕީޖީގެ ބަހެއް ލިބިގެން ކަމަށް އެ ރައުޔުގައިވެ އެވެ.

ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވާ ގޮތުން، ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ، އޭނާ ހައްޔަރު ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ބަހެއް ހޯދަން ނުޖެހޭނެ ކަމަށް ބުނެ ދައުލަތުން ދެއްކި ވާހަކަތަކަކީ ގާނޫނު ނެގެހެއްޓުގެ ޒިންމާ އޮތް އެއްވެސް ބަޔަކަށް ބަލައިގަނެވޭނެ ފަދަ ވާހަކައެއް ނޫނެވެ. ވައްޑެ ހައްޔަރު ކުރީ އުފެދުމުގައި ވެސް ބާތިލް އިޖްރާއާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވާތީ އޭނާ ބަންދު ކުރަން ނެރުނު އަމުރު ވެސް ބާތިލް ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން ކުރި ހުކުމުގައި ވަނީ ވައްޑެ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރާ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން އަލީ އާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރުން ފަނޑިޔާރު ނިޔާޒެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން އަލީ އެވެ.

މަޖިލީހަށް ވަން މައްސަލައިގައި ވައްޑެގެ އިތުރުން އޭރު ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި އިތުރު ދެ މެމްބަރެއްގެ މައްޗަށް ހުއްދަ ނެތި ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ވެސް ދައުލަތުން އުފުލި އެވެ. އެކަމަކު އެ ދައުވާތައް މިދިޔަ އަހަރު ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.