މަރުގެ އަދަބުގެ މައްސަލާގައި މިނިސްޓަރު އިމްރާނާ ސުވާލު ކުރަނީ

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.


މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު، މިނިސްޓަރު އިމްރާނާ ސުވާލު ކުރައްވަން ހުށަހަޅުއްވާފައިވަނީ މަރުގެ އަދަބު ތަންފީޒު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވާއިރު، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާއާތެއް ފުރިހަމަވެގެން މަރަން ހުކުމް ކޮށްފައިވާ މީހެއްގެ އަދަބު ތަންފީޒު ކުރުމާ ބެހޭގޮތުން ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފު ކުރުމަށެވެ.

މަރަން ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމިފައިވާ ތިން މީހަކު އެބަ ތިއްބެވެ. ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެން މަރުގެ އަދަބު ދިނުމާ ބެހޭ ގަވާއިދެއް އެކުލަވާލައި، މަރުގެ އަދަބު ދޭނެ ޗެމްބަރެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރީގެ ސަރުކާރުގައި ފެށި އެވެ. އެކަމަކު އެއްވެސް މީހެއްގެ އަދަބު ތަންފީޒެއް ނުކުރެ އެވެ.

ރާއްޖޭގައި މަރަން ހުކުމްކުރަނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގަ އެވެ. އެންމެ ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކުރީ 1953 ވަނަ އަހަރު، އޭރުގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ.