އަހުސަން މަރާލި މައްސަލަ ހައި ކޯޓަށް ބެލޭނެތޯ ނިންމަނީ

މީގެ އަހަރުތަކެއް ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި އަހުސަން ބަޝީރުގެ މަރުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރީ އިސްތިއުނާފްގެ މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ އެ މައްސަލަ ހައި ކޯޓުން ބެލުމާ މެދު ގޮތެއް ނިންމަން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މިއަދު ނިންމައިފި އެވެ.


މީގެ އަށް އަހަރު ކުރިން، 2011 ވަނަ އަހަރު މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ އަހުސަނަށް ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު، 2014 ގަ އެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ އޭގެ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ޑިސެމްބަރު، 2015 ގައި ކަމަށް ވާތީ އެ މައްސަލަ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި ޝަހުމްގެ ވަކީލުން ހައި ކޯޓުގައި މިއަދު ފާހަގަކުރި އެވެ.

ޝަހުމްގެ ވަކީލް ވިދާޅުވީ އިސްތިއުނާފް މުއްދަތު ހަމަވި ފަހުން އެ މައްސަލަ އިސްތިއުނާފް ކޮށްފައިވާތީ، ހައި ކޯޓުން މައުޟޫއީ ގޮތުން ބެލުމުގެ ކުރިން އިޖްރާއީ ގޮތުން އެކަމުގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. އެ މައްސަލަ ދަށު ކޯޓުން ނިމުނުއިރު އިސްތިއުނާފްގެ މުއްދަތަކީ 90 ދުވަސް ކަން ފާހަގަ ކުރައްވައި، ދިފާއީ ވަކީލް ވިދާޅުވީ، ދައުލަތުން އިސްތިއުނާފްކުރީ އެ މުއްދަތު ހަމަވިތާ ވެސް 500 ދުވަސް ފަހުން ކަމަށެވެ.

ރައްދުގައި ދައުލަތުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރުން ލަސްވީ ކްރިމިނަލް ކޯޓުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓާއި ޚުލާސާ ރިޕޯޓް ދޫކުރުން ލަސްވުމުން ކަމަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމިއިރު ދައުލަތަށް ދޫކުރީ ހަމައެކަނި ހުކުމުގެ އިބާރާތް ކަމަށާއި އެހެންވެ، ޖެހިގެން އައި ދުވަހު އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހޯދަން އެ ކޯޓުގައި އެދިފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެ ރިޕޯޓް އެ ކޯޓުން ދޫކުރީ އޭގެ އަހަރެއް ފަހުން، ޑިސެމްބަރު، 2015 ގައި ކަމަށް ދައުލަތުން ބުންޏެވެ.

ރިޕޯޓް ލިބުމާ އެކު، އޭރު އިސްތިއުނާފް މުއްދަތުގެ ގޮތުގައި އޮތް 10 ދުވަސް ތެރޭގައި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ޝަހުމްގެ ވަކީލް ވިދާޅުވީ ރިޕޯޓް ލިބުން ލަސްވާ ހާލަތްތަކުގައި، ރިޕޯޓް ލިބުމުން އިސްތިއުނާފް ކުރާނެ ކަން އަންގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ދުރާލާ އެންގުމަކީ އެ އޮފީހުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމި ދީބާޖާ އިންވެސްޓްމަންޓްގެ މައްސަލާގައި ވެސް، އިސްތިއުނާފް މުއްދަތު ހަމަވާ ފަހުން ހައި ކޯޓަށް މައްސަލަ ބަލައިގަތުމާ ބެހޭގޮތުން ކަންތައްތަކެއް ފާހަގަ ކޮށްފައިވާ ކަން އެ ވަކީލް ފާހަގަކުރި އެވެ. އެ ހުކުމުގައި ބުނާ ހާލަތްތަކުގެ ތެރެއިން އެ މައްސަލަ ފެތެނީ ކޮން ހާލަތަކަށް ކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އިސްތިއުނާފް މުއްދަތު ހަމަވާފަހުން މައްސަލަ ބަލައިގަތުމުގައި މަގްބޫލު އުޒުރެއް އޮތީ ކަމަށް ބެލެވޭނީ ހަމައެކަނި ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނާ ހާލަތްތައް އެކަނި ނޫން ކަމަށެވެ. އަދި ދީބާޖާ މައްސަލާގައި މަގްބޫލު އުޒުރެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ އިސްތިއުނާފް ކުރުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލެއްގެ އިހުމާލެއް އޮތުމުން އެކަމުގެ މައްޗަށް ވެސް ބިނާކޮށް ކަމަށާއި އެކަމަކު މި މައްސަލާގައި އެފަދަ ކަމެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ދީބާޖާގެ މައްސަލައަކީ މަދަނީ މައްސަލައެއް ކަން ފާހަގަކޮށް، ދައުލަތުން ބުނީ އެ މައްސަލައަކީ ޖިނާއީ މައްސަލަތަކުގެ ތެރެއިން ވެސް އެންމެ މަތީ ދަރަޖައިގެ ކުށުގެ މައްސަލައެއް ކަމަށެވެ. އެހެންވެ، އެފަދަ މައްސަލައެއް އިސްތިއުނާފް ކުރުމުގެ ކުރިން އެ އޮފީހުން ބަލަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި އެކަންކަން ނުކުރެވުނީ ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުދީ އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން އެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ހައި ކޯޓުން ދިނުމުން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެކަމާ ގުޅިގެން ދެ ފަރާތުގެ ވާހަކަތަކަށް ފަހު، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ މުއްދަތު ހަމަވުމަށް ފަހު އިސްތިއުނާފް ކުރުމަށް މަގްބޫލު ސަބަބެއް އޮތްތޯ ބެލުމުގައި މައްސަލައިގެ ބާވަތަށާއި މައްސަލާގެ ސީރިއަސް ކަމަށް ބަލަންޖެހޭ ކަމަށެވެ.

އެއީ މަރުގެ މައްސަލައެއް ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ ދިރިހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީން ދޭ ހައްގެއް ކަމަށްވާތީ، ކުށެއް ނެތި މީހަކު މަރާލެވޭ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތުގެ ހައްގުގެ އިތުރުން މަރުވި މީހާގެ ހައްގުތަކެއް ވެސް އޮންނާނެ ކަމަށެވެ.

މުއްދަތު ހަމަވުމަށް ފަހު އިސްތިއުނާފް ކުރަން މަގްބޫލު އުޒުރެއް އޮތްތޯ ބެލުމާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމެއް އޮތްއިރު، ފަނޑިޔާރުންގެ ތަގްދީރީ ބާރުގެ ތެރެއިން ނިންމާ ނިންމުންތައް އިސްތިއުނާފީ ކޯޓުތަކަށް ރިވިއު ނުކުރެވޭނެ ކަމަށް ބުނާ ސުޕްރީމް ކޯޓުގެ އެހެން ހުކުމެއް ވެސް އެބައޮތް ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

އެކަންކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެ މައްސަލަ ހައި ކޯޓުން ބެލުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ނިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

އަހުސަންގެ މަރުގެ ދައުވާލިބޭ ދެ މީހުންގެ ތެރެއިން ޝަހުމް މިހާރު ވެސް ގެންދަނީ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ 2010 ވަނަ އަހަރު މާލޭގައި ފުޓްބޯޅަ މެޗެއް ހިނގި ތަނެއްގައި ހިންގި ހަމަނުޖެހުންތަކެއްގައި މ. ބިއުޓީ ފްލާވާ މުހައްމަދު ހުސައިނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ޝަހުމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުންނެވެ.