ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީޝެލްސް އަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.


ރައީސް އޮފީހުން މިއަދު ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ސީޝެލްސް އަށް އެމަނިކުފާނު ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ޑެނީ ފޯރޭގެ ދައުވަތަކަށް ކަމަށެވެ.

ސީޝެލްސް އަށް ވަޑައިގަތުމުގެ ދައުވަތު ދެއްވީ، ރައީސް ޑެނީގެ މަންދޫބެއްގެ ހައިސިއްޔަތުން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް، މުހައްމަދު އަފީފް ރާއްޖެ އަށް ދާދި ފަހުން ކުރެއްވި ރަސްމީ ޒިޔާރަތުގަ އެވެ.

ރައީސް، ސީޝެލްސްއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމު ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައި، އެންމެ މަތީ ފެންވަރުގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ސީޝެލްސްގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.