ކެރެލާ އަކީ ރާއްޖެ އަށް ޑްރަގްސް އެތެރެކުރާ ހަބެއް: އެސްއީއީއެސް

ދެކުނު އިންޑިއާގައި މަރުވާނާ ހައްދާ ކަމަށް މަޝްހޫރު ވެފައިވާ އަންދުރަ ޕްރަދޭޝް ސްޓޭޓްގައި އުފައްދާ ހަޝިޝްގެ ބޮޑު ބައެއް ކެރެލާ މަގުން ރާއްޖެ އަށް އެތެރެކުރާ ކަމަށް ކެރަލާގެ ތަންފީޒީ އިދާރާއެއް ކަމަށްވާ ސްޓޭޓް އެކްސައިޒް އެންފޯސްމަންޓް ސްކޮޑް (އެސްއީއީއެސް) އިން ބުނެފި އެވެ.


އެސްއީއީއެސްއާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނީ ކެރެލާގެ ޕަލައްކާޑް ނަމަކަށް ކިޔާ އަވަށުގެ ގެޔަކުން އިއްޔެ 21 ކިލޯގެ ހަޝިޝް އަތުލައިގެންފައިވާ ކަމަށާއި އެއީ ރާއްޖެ އަށް ގެންދަން އުޅުނު ތަކެތި ކަމަށް ބެލެވޭ ކަމަށެވެ.

އެސްއީއީއެސް އިން ބުނީ ޓްރިވެންޑްރަމްގައި ރެސްޓޯރަންޓް ވިޔަފާރިކުރާ މަޝްހޫރު މީހެއްގެ ދަރިއެއްގެ އަތުން 2018 ވަނަ އަހަރު 11 ކިލޯގެ ހަޝިޝް އަތުލައިގަތް ހިސާބުން، ރާއްޖެ އަށް މުދާ ފޮނުވާ ކާގޯ އެޖެންސީއާއަކާ މެދު ޝައްކުވެގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އެ ކާގޯ އެޖެންސީ އަކީ ވިޒިންޖަމް ބަނދަރުން ރާއްޖެ އަށް ތަރުކާރީ އާއި މޭވާ ސަޕްލައިކުރާ ބައެކެވެ.

ޝައްކު އުފެދުނު ރެސްޓޯރަންޓާއި އެކްސްޕޯޓް އެޖެންސީ އަށް ފާރަލައި ބެލި އިރު އެ ރެސްޓޯރަންޓަކީ ޑްރަގް ވިޔަފާރި ސިއްރުކުރަން ބޭނުންކުރި ވިޔަފާރިއެއް ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން ރެސްޓޯރަންޓަށް ފާރަލާ ކަމަށް އެތަނުގެ ވެރިންނަށް ޝައްކުވެގެން ފަހުން އެތަން ބަންދުކޮށްފައިވާ ކަމަށް އެސްއީއީއެސް އިން ބުނެފައިވެ އެވެ.

އިންޑިއާ އިން ރާއްޖެއަށް ފޮނުވާ ޑްރަގްސް އާންމު ގޮތެއްގައި ފޮރުވާފައި ހުންނަނީ މޭވާ އާއި ތަރުކާރީ އަޅާފައި ހުންނަ ކަރުދާސް ފޮށީގައި އިތުރަށް ޝީޓްތަކެއް އަޅައި، އޭގެ ތެރޭގައި ކަމަށް ބެލެވޭތީ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައި ވާނެ ކަމަށް އެސްއީއީއެސް އިން ދަ ހިންދޫ އަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އިންޑިއާގެ އެއްތަނުން އަނެއް ތަނަށް ޑްރަގްސް ގެންދިއުމަށް، ދޮރުފަތާއި ވެހިކަލާއި ފިއުލް ޓޭންކާއި ޓަޔަރު ފަދަ ތަކެތީގެ ތެރޭގައި ވެސް ފޮރުވާފައި ހުންނަ ކަމަށް ވަނީ ބުނެފަ އެވެ.