ޓޫރިޒަމް މާސްޓަ ޕްލޭނުގެ ދަށުން އައްޑޫގައި އަހަރަކު 600 އެނދު އިތުރު ކުރެވޭނެ: ފައްޔާޒް

ސަރުކާރުގެ ޓޫރިޒަމް މާސްޓަ ޕްލޭނާ އެއްގޮތަށް އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއްޖެ ނަމަ އައްޑޫގައި އަހަރަކު 600 އެނދު އިތުރުވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.


އައްޑޫގައި މިއަދު ފެށި ޓައިޓަން މޯލްޑިވްސްގެ ސަދަން މޯލްޑިވްސް އެކްޕޯސްގައި ބައިވެރިވަޑައިގަތުމަށް އައްޑު އަށް ވަޑައިގެން، ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އައްޑޫގެ ލޯކަލް ޓޫރިޒަމް ތަރައްގީ ކުރަން އެސްއެމްއީ ބޭންކުން 80 މިލިއަން ޑޮލަރު ވެސް މިހާރު އައްޑު އަށް އެލޮކޭޓްކޮށްފައިވާ ކަމަށެވެ. އަދި ރަނގަޅަށް މި މަސައްކަތް ކުރިއަށް ގެންދެވިއްޖެ ނަމަ އަހަރެއްގެ ތެރޭގައި 600 އެނދު އައްޑު އަށް އިތުރުކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑޫގެ މާސްޓަ ޕްލޭން ޑިވެލޮޕް ކުރުމަށް ކޮންސަލްޓެންޓުން ހޯދުމަށް އަންނަ ހަފުތާގައި އިއުލާން ކުރަން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ރާވާފައިވާ މަސައްކަތުގެ ތެރެއިން 4،000 އެނދު ތަރައްގީ ކުރަން ނިންމާފައިވާކަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއުލާން ކުރެއްވީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލި ޓޫރިޒަމްގެ މާސްޓާ ޕްލޭންގެ މަސައްކަތް ފެށުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ސަރުކާރުން އައްޑޫގައި 8،000 އެނދު ތަރައްގީ ކުރަން ވައުދުވި އިރު އެ އަދަދުގެ ދެބައި ކުޅަ އެއްބައި، އަލަށް ދޫކުރާ ބިންތަކުން ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދެ ރިސޯޓެއް ހިންގަމުން އަންނަ އައްޑޫގައި މިހާރު އަންނަނީ ތިން ވަނަ ރިސޯޓެއް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ވެސް ވަމުންނެވެ. އެއީ އިސްމެހެލާހެރައިގައި ތަރައްގީކޮށްފައިވާ ސައުތު ޕާމް ރިސޯޓެވެ. އައްޑޫ ގަމުގައި އީކްއޭޓާ ވިލެޖްގެ ނަމުގައި ސިޓީ ހޮޓަލެއް ވެސް ހިންގަމުން އަންނަ އިރު، ގެސްޓް ހައުސްގެ ވިޔަފާރި ވެސް އައްޑޫގައި އަންނަނީ ފުޅާވަމުންނެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އައްޑޫ ޑިވެލޮޕްމަންޓް ޕްލޭނުގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 300-500 މިލިއަން ޑޮލަރު ވަރު އަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭގެ ތެރެއިން މިހާރު ބައެއް މަޝްރޫއުތައް ފެށުމަށް އެގްޒިމް ބޭންކުން ލޯން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެކަން ލަސްވަނީ ލޯން ހޯދުމުގައި އަމަލު ކުރަން ޖެހޭ ޕްރޮސެސް ދިގުވުމުގެ ސަބަބުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިނިޝިއަލް ޓާގެޓަކީ 300 މިލިއަން ޑޮލަރު، އޭގެ ތެރެއިން 200 މިލިއަން ޑޮލަރު އިންޑިއަން އެގްޒިމް ބޭންކުގެ އެލްއޯސީ ފެސިލިޓީގެ ތެރެއިން އަޅުގަނޑުމެންނަށް މިހާރު ވަނީ ކޮމިޓްވެ ނިމިފައި،" މިނިސްޓަރ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އާބަން ސެންޓަރުގެ ގޮތުގައި ރާއްޖޭގެ ހަތަރު ސަރަހައްދެއް ތަރައްގީ ކުރަން ސަރުކާރުން ނިންމަވާފައިވާ އިރު، އޭގެ ތެރޭގައި އައްޑޫ ހިމެނެ އެވެ.