އަދީބު އަދިވެސް ޓަގް ބޯޓްގައި

އިންޑިއާ އަށް ދިޔަ ޓަގް ބޯޓެއްގައި ފިއްލަވަން މަސައްކަތްޕުޅު ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދިވެސް ހުންނެވީ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި އެ ބޯޓުގައިކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.


ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ޓަގް ބޯޓުގެ ފަޅުވެރިއަކަށް ވެގެން ފިއްލަވަން އުޅުއްވި އަދީބު އިއްޔެ މެންދުރު އިންޑިއާ ފުލުހުން ހިފަހައްޓާފައިވާއިރު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަދިވެސް އޭނާ ހުންނެވީ ޓަގް ބޯޓްގަ އެވެ. މިހާތަނަށް އެމަނިކުފާނު ބޯޓުން ބާލައިފައެއްނުވެ އެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން އެ ގައުމުގެ ފުލުހުން އަންނަނީ އަދީބާ ސުވާލު ކުރަމުންނެވެ.

އަދީބުގެ ބައިނަލްއަގުވާމީ ވަކީލުން ވަނީ އަދީބަށް އިންޑިއާއިން ހިމާޔަތް ދިނުމަށް އެދިފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިންޑިއާއިން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އިންޑިއާއިން އެކަމާ މެދު ގޮތެއް ނިންމާފައިނުވާއިރު އަދީބާ ހަވާލުވުމަށް ރާއްޖޭގެ ފުލުހުން އިންޑިއާއަށް އެބަ ދާ ކަމަށް ވެސް އެ ވަކީލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދީބު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވީ މޮންގޯލިއާގައި ރަޖިސްޓްރީ ކޮށްފައިވާ ޓަގު ބޯޓެއްގަ އެވެ. އެއީ އިންޑިއާއިން ހިލަ ހިފައިގެން އާންމުކޮށް ރާއްޖެ އަންނަ ޓަގް ބޯޓެކެވެ. އެ ޓަގް ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނިޝިއާގެ އަށް މީހުންނެވެ. އަދީބު އެ ބޯޓުގައި ހުރިކަން ފަޅާއަރުވާލީ އިންޑިއާގެ ފަޅުވެރިޔާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

އެ ޓަގް ބޯޓުގެ ދިވެހި އެޖެންޓް "ޓްރާންސް ލިންކް" އިން ބުނިގޮތުގައި އެ ބޯޓަށް އަދީބު އަރާވަޑައިގަތީ ކިހިނެއްކަން އެ ކުންފުންޏަކަށް ނޭންގެ އެވެ. އެ ބޯޓުގައި އަދީބު ވަޑައިގަތްކަން އެ ކުންފުންޏަށް ވެސް އެނގުނީ އިއްޔެ ނޫހުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދީބު ފިއްލަވަން އެހީތެރިވި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

އަދީބުގެ މައްޗަށް ކުރިން އިއްވި ހުކުމްތައް ބާތިލް ކޮށްފައި ވިިޔަސް، އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.