އަދީބު ހައްޔަރުކޮށް މާލެ ގެންނަނީ

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލެއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށުން އަދީބު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. ތަފްސީލެއް ނުދެ އެވެ.

އަދީބު ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދޭން ފުލުހުންގެ ޓުވީޓް

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި އަދީބު އަލުން މި ހައްޔަރުކުރީ އެމަނިކުފާނަށް އިއްވި 33 އަހަރުގެ ހުކުމްތަކުން މިނިވަންވެފައި ވަނިކޮށެވެ. ދިގު މުއްދަތަށް ހުކުމް ތަންފީޒުކުރަން ޖެހިވަޑައިގަތް ތިން ހުކުމެއް ބާތިލްކުރީ ކްރިމިނަލް ކޯޓުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުތަކަށް އެއްބާރުލުން ދެއްވަމުން ގެންދެވި އަދީބު ފިއްލެވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވެ އެވެ. މިދިޔަ ބުދަ ދުވަހާ ހަމައަށް އަދީބު މާލޭގައި ހުންނެވި ކަން ސާބިތުކޮށްދޭން އެމަނިކުފާނުގެ ފޯނުން ބައެއް މީހުންނާ މުއާމަލާތްކޮށްފައިވެ އެވެ.

ފުލުހުން އެމަނިކުފާނު ހޯދަން ފެށީ، ތަހުގީގަށް ހާޒިރުވެވަޑައިނުގަތުމުންނެވެ.

ހުރިހާ ހުކުމްތަކުން އަދީބު މިނިވަންވެފައިވާތީ އޭނާ ހުންނެވީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަކު ނޫނެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ފުލުހުން ދިޔައީ އޭނާ އަށް ފާރަލަމުންނެވެ.

ފަޅުވެރިއަކަށް ވެވަޑައިގެން ޓަގު ބޯޓުގައި ދަތުރު ކުރައްވަނިކޮށް ކަނޑުމަތިން އަދީބު ހިފެހެއްޓެވީ އިންޑިއާގެ ސިފައިންނެވެ.

އަދީބު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވީ މޮންގޯލިއާގައި ރަޖިސްޓަރީ ކޮށްފައިވާ "ވާގޯ" ކިޔާ ޓަގު ބޯޓެއްގަ އެވެ. އެއީ އިންޑިއާއިން ހިލަ ހިފައިގެން އާންމުކޮށް ރާއްޖެ އަންނަ ޓަގް ބޯޓެކެވެ. އެ ޓަގް ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނިޝިއާގެ އަށް މީހުންނެވެ. އަދީބު އެ ބޯޓުގައި ހުރިކަން ފަޅާއަރުވާލީ އިންޑިއާގެ ފަޅުވެރިޔާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

އެމަނިކުފާނު ޕްލޭން ކުރައްވާފައި އޮތީ، އެއް ބަޔަކު ލަފާ ކުރައްވާ ގޮތުގައި، އިންޑިއާ އަށް ވަޑައިގަތުމަކަށް ނޫނެވެ. ކަނޑުގެ ވަކި ހިސާބަކުން ސްރީ ލަންކާގެ އުޅަނދަކަށް ނަގައިގެން އޭނާ ލަންކާ އަށް ގެންގޮސް، އެ ގައުމުން ޔޫރަޕްގެ ކޮންމެވެސް ހިސާބަކަށް ވަޑައިގަތުމަކީ އަސްލު ރޭވުން ކަމަށް، އެއް ބަޔަކު ބުނެ އެވެ. އެކަމަކު ކޮންމެވެސް ކަމެއް ދިމާވެގެން ލަންކާގެ އެ ބޯޓަށް "ވާގޯ 9" އޮތް ހިސާބަށް ދެވޭ ގޮތެއް ނުވީ ކަމަށް ވާހަކަ ދެކެވެ އެވެ.

އަދީބު، ޔޫރަޕިއަން ޔޫނިއަންގެ ޕާސްޕޯޓެއް ގެންގުޅުއްވާ ކަމަށްވެ އެވެ.

ރަސްމީ އިދާރާތަކުން މިކަމުގެ ތަފްސީލު ހާމަނުކުރާތީ ސައްހަ މައުލޫމާތު އަދި ކަށަވަރެއް ނުވެ އެވެ.

އިންޑިއާގެ ކަނޑުމަތީ ސިފައިން، އަދީބު ހިފެހެއްޓުމާ އެކު، އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުން ވަނީ އެ ގައުމުން ހިމާޔަތް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު ވަކީލުން އެދިވަޑައިގަތް ގޮތަށް އިންޑިއާ އިން އަދީބަށް ހިމާޔަތެއް ނުދިނެވެ.