އަދީބާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ ފަށަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.


ޚިޔާނާތުގެ ކުށުގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް މިދިޔަ މެއި މަހު ހައި ކޯޓުން ބާތިލް ކުރުމުން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ނިމެންދެން އަދީބު ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި އޮއްވައި، ދާދި ފަހުން ކަނޑުމަގުން ބޯޓެއްގައި ފިއްލަވައިގެން އަދީބު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނިކޮށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެމަނިކުފާނު ހުއްޓުވައި، ރާއްޖެއާ ހަވާލުކޮށްފަ އެވެ. އަދީބު، ރޭ ރާއްޖެ ގެނެސް، މިހާރު ހުރީ ދޫނިދޫގައި ހައްޔަރު ކޮށްފަ އެވެ.

ދައުލަތުން އިސްތިއުނާފް ކުރި މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސާފައި ވާއިރު، އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

އެ މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށާއި އެމަނިކުފާނު ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެދޭން ދައުލަތުން ސުޕްރީމް ކޯޓުގައި ކުރިން އެދުނެވެ. އެކަމަކު މިހާތަނަށް ސުޕްރީމް ކޯޓުން ނެރެފައި އޮތީ ފުރުން މަނާ ކުރުމުގެ އަމުރެއް އެކަންޏެވެ.

އަދީބު ރޭ ރާއްޖެ ގެނެސް، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އެމަނިކުފާނު ރާއްޖެ އިން ބޭރުގެ ކަނޑުގެ ސަރަހައްދަކުން ހައްޔަރު ކޮށްގެން ރާއްޖެ ގެނައީ ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި މިނިވަންކޮށްފަ އެވެ. އެކަމަކު ފަހުން ކްރިމިނަލް ކޯޓުން ނެރުނު ހައްޔަރު އަމުރެއްގެ ދަށުން ރޭ ފަތިހު އަނެއްކާވެސް އަދީބު ހައްޔަރު ކޮށްގެން ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ.