ސްޓިކާ ޖަހަނީ އުނދަގޫވާ ގޮތަށް ޕާކް ކުރުމުން: އައިޝާ

މާލޭގައި ޓްރެފިކް ވަޔަލޭޝަން ސްޓިކާ ސްޓިކާ ފުލުހުން ޖަހަނީ އުނދަގޫވާ ގޮތަށް ޕާކް ކުރާ އުޅަނދުތަކުގައި އެކަނި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި، ފުލުހުން ސްޓިކާ ޖަހަމުން އަންނަ ކަމަށް ބުނެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި އާއިޝާ ވިދާޅުވީ، ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން އެ މީހަކު ދާ ތަނެއްގައި ޕާކް ނުކުރެވޭ ނަމަ ޕާކިން ޒޯނަށް ނުބަލާ ޕާކް ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާ ކަމަށް އާއިޝާ ވިދާޅުވި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް ޕާކް ކުރާ މީހުންނާ މެދު އަޅާ ފިޔަވަޅުތައް ވަކި ގަވައިދަކުން އާންމު ކޮށްފައިވާ އިރު، އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅޭ ގޮތުން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފުލުހުން ސްޓިކާ ޖަހަމުން ގެންދަނީ ގަވައިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ އެއްގަމު އުޅަނދުތަކުގައި،" އާއިޝާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ފުލުހުން ސްޓިކާ ޖަހާ ކަމަށް އައިޝާ ވިދާޅުވި ސަރަހައްދުތައް:

- މިސްކިތްތަކަށް ވަދެ ނުކުތުމަށް ދަތިވާ ގޮތަށް ޕާކް ކުރާ ވެހިކަލް.

- ކަފިހި ހުރަސް ނުވަަ ދުވާރު މަތީގައި ބަހައްޓާ ވެހިކަލް.

- މަގު ނުވަތަ ގޯޅި ކަންމަތީގައި ބަހައްޓާ ވެހިކަލް.

- ސްކޫލަށް ދާ ދަރިވަރުންނާއި ބެލެނިވެރިން ދަތިވާ ގޮތަށް ބަހައްޓާ ވެހިކަލް.

- ހޮސްޕިޓަލްތަކަށް ވަދެ ނުކުތުމަށް ދަތިވާ ގޮތަށް ބަހައްޓާ ވެހިކަލް.

- ބޭންކްތަކަށް ވަދެ ނުކުތުމަށް ދަތިވާ ގޮތަށް ބަހައްޓާ ވެހިކަލް.

- ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދުގައި ބަހައްޓާ ވެހިކަލް.

- ފުލުހުން ކޯން ނުވަތަ ބެރިކޭޑް ހުންނަ ސަރަހައްދުގައި ބަހައްޓާ ވެހިކަލް.

- ޑަބަލް ލައިންގައި ބަހައްޓާފައި ހުންނަ ވެހިކަލް

ޕާކިން މައްސަލަ އަށް ހައްލެއް ހޯދަން ދިރާސާތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އައިޝާ ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ހަދާފައި ހުރީ ޕާކް ކުރުމަށް ފުރުސަތު ނުދީ އެވެ. އެކަމަކު، މި ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޖެހިފައިވާ މާލެ އަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން އިސްކަން ދެމުން އަންނަ ކަމަށާއި އެއްގަމު އުޅަނދު ޕާކް ކުރުމުގެ މައްސަލައަށް ހައްލު ހޯދަން އެކި ސަރަހައްދުތަކުގައި ޕާކް ކުރާނެ ތަންތަން ހަދާފައި ހުރި އިރު، އިތުރު ތަންތަން ހެދުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން މި އަހަރުގެ ޖެނުއަރީ މަހު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

އެކަމަކު، ހަމައެއް ލަމައެއް ނެތި، ގަވައިދާ ހިލާފަށް ޕާކްކުރުން އާންމުވުމާ ގުޅިގެން ފުލުހުން އަލުން ޕާކިން ސްޓިކާ ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ސްޓިކާ ޖެހުމުގެ ބަދަލުގައި މި ސަރުކާރުން ފެށި ކަމަކީ، މީހުންނަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމެވެ. އެކަމަކު، އެކަމުން މާ ބޮޑު ހައްލެއް އައި ތަނެއް ނުފެނުނެވެ.