ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަންގައި ރާއްޖެއިން ސޮއި ކުރަނީ: އެ މުއާހަދާގައި 46 ގައުމަކުން ބައިވެރިވޭ -- ފޮޓޯ/އޭޖީ އޮފީސް
07 އޯގަސްޓް 2019 - 10:12
މީޑިއޭޝަން މެދުވެރިކޮށް ނިންމާ މައްސަލަތަކުން އުފެދޭ ސެޓްލްމަންޓް އެގްރިމެންޓްތައް ތަންފީޒު ކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.
ޔުނައިޓެޑް ނޭޝަނަސް ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިޒަލްޓިން ފްރޮމް މީޑިއޭޝަން (ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން) ގައި ރާއްޖެއިން މިއަދު ސޮއިކުރީ އެ މުއާހަދާގައި ސޮއި ކުރުމަށް ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ފަރާތުން އެ މުއާހަދާގައި ސޮއިކުރެއްވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.
މިއީ މީޑިއޭޝަންގެ އުސޫލުން ވިޔަފާރީގެ ބޮޑެތި މައްސަލަތައް ނިންމުމަށް ފަހު އެކުލަވާލެވޭ ސެޓްލްމަންޓް އެއްބަސްވުންތައް ގައުމުތަކުން ބަލައިގަނެ އަދި އެއްބަސްވުންތައް ތަންފީޒު ކުރުމުގައި އެއް އުސޫލުތަކެއް ގާއިމްކުރުމުގެ މުއާހަދާއެކެވެ.
އެ މުއާހަދާގައި ރާއްޖެއިން ސޮއި ކުރިޔަސް، އެ މުއާހަދާ ތަންފީޒު ކުރަން ފަށާނީ އެކަމާ ބެހޭ ގާނޫނެއް ހެދުމަށް ފަހު ކަމަށް ވާތީ އެ ގާނޫނުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި ރައްކާތެރި މާހައުލެއް ދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި މި މުއާހަދާގައި ސޮއިކުރުމަކީ ވެސް އެ އަމާޒަށް ވާސިލްވާން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރާއްޖެ ހިމެނޭ ގޮތަށް، 46 ގައުމަކުން މިއަދު ވެސް ވަނީ އެ މުއާހަދާގައި ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy