އޭސީސީ އަށް ފަސް މެމްބަރަކު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް ފަސް ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 68 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިނީ އެ ކޮމިޝަނަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިިވަޑައިގަންނަވާ 12 ބޭފުޅުންނަށެވެ.

ކޮމިޓީގެ ރިޕޯޓު މަޖިލިހުގެ ތަޅުމުން ފާސް ކުރި އިރު، އެ ކޮމިޝަނަށް އަލަށް އައްޔަން ކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މަސައްކަތް ކުރެއްވި އިބްރާހިމް ޝަކީލާއި ޓްރާންސްޕޭރަންސީގައި މަސައްކަތް ކުރައްވާ މަރިޔަމް ޝިއުނާ އާއި އޭސީސީގައި ކުރިން މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ފާތުމަތު އަނޫލާ އާއި އައިޝަތު އަބްދުﷲ އާއި ވިލާ ކޮލެޖުގެ މާކެޓިން ޑިރެކްޓަރު، އަލީ އަޝްރަފެވެ. އޭގެ ތެރެއިން އަލީ އަޝްރަފްގެ ނަން ދިރާސާކޮށް ކޮމިޓީން ދީފައި ވަނީ 66.34 މާކްސް އެވެ. އަދި ކޮމިޓީން ދެ ވަނަ އަށް އެންމެ މަތިން މާކްސް ދިން އާދަމް ޝާމިލަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލިހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުން ފާސްކުރި ފަސް ބޭފުޅުންނަށް ލިބިވަޑައިގެންނެވި މާކްސް:

1- އިބްރާހިމް ޝަކީލް، ދަފްތަރު ނަންބަރު 3654 (77.71 މާކްސް) - 69 މެމްބަރުންގެ ވޯޓު.

2- - ފާތުމަތު އަނޫލާ، ގ. ވަޑިނޮޅުގެ (77.26 މާކްސް) - 69 މެމްބަރުންގެ ވޯޓު.

3- މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ (76.97 މާކްސް) -69 މެމްބަރުންގެ ވޯޓު.

4- އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންނަވަރު (75.14 މާކްސް) -68 މެމްބަރުންގެ ވޯޓު.

5- އަލީ އަޝްރަފް، ދަފްތަރު ނަންބަރު 3366 (66.34 މާކްސް) -70 މެމްބަރުންގެ ވޯޓު.

އޭސީސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މާކްސް ހޯއްދެވި އަދި އެމްއެމްއޭގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޝަކީލް އެފްއައިޔޫގެ އިންޗާޖު އޮފިސަރަކަށް މިދިޔަ ސެޕްޓެމްބަރު 17 އިން ފެށިގެން ޖެނުއަރީ 31 ގެ ނިޔަލަށް އުޅުއްވުމަށް ފަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ކުރިން އެފްއައިޔޫގެ އެނަލިސްޓަކަށް އޭނާ އުޅުއްވީ އޭޕްރީލް 28، 2016 އިން ސެޕްޓެމްބަރު 17 2018 އަށެވެ. އަދި ނޮވެމްބަރު 1، 2010 އިން އޭޕްރީލް 30، 2013 އަށް އެމްއެމްއޭގެ މިނިވަން ޔުނިޓުގެ އެސިސްޓަންޓް މެނޭޖަރު ކަން ވެސް ޝަކީލް ވަނީ ކުރައްވައިފަ އެވެ.

ޝަކީލް ވަނީ ކޮމްޕިއުޓަ ސައިންސްގެ ދާއިރާ އިން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާސިލް ކުރައްވައިފަ އެވެ. އަދި އިންފޮމޭޝަން ޓެކްނޮލަޖީގެ ސްޕެޝަލިޒަމް އިން ފޮރެންސިކް ކޮމްޕިއުޓިން ދާއިރާ އިން ބެޗްލާ ޑިގްރީ ވެސް ޝަކީލް ވަނީ ހާސިލް ކުރައްވައިފަ އެވެ. އެންޓި މަނީ ލޯންޑްރިން އާއި ކައުންޓަ ޓެރަރިޒަމް ފައިނޭންސިން އަދި އެސެޓް ރިކަވަރީ އާ ގުޅޭ ތަމްރީން އަދި ވޯކްޝޮޕްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ޝަކީލަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 77.7 މާކްސް ލިބިވަޑައިގެންނެވި އެވެ.

އެފްއައިޔޫގެ އިންޗާޖް އޮފިސަރަކަށާއި އެނަލިސްޓެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ޝަކީލް ވަނީ ރާއްޖޭގެ ސްޓްރެޓެޖިކް އިމްޕްލިމެންޓޭޝަން ޕްލޭންގެ މަސައްކަތް ކުރައްވައިފަ އެވެ. އަދި އެފްއައިޔޫގެ ޑޭޓަ ބޭސް ޑިވެލޮޕް ކުރުމާ ގުޅިގެން ގިނަ ކަންކަން ޝަކީލް ކުރެއްވި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިން ގޮތުގެ ރިޕޯޓު.

އޭސީސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދެ ވަނަ އަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ އެ ކޮމިޝަންގައި މިހާރު ވެސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އާދަމް ޝާމިލަށެވެ. ކޮމިޝަންގައި ހުންނެވި އެންމެ ރަނގަޅު ބޭފުޅެއްގެ ގޮތުގައި އެ ކޮމިޝަންގެ ގިނަ ބަޔަކު ފާހަގަ ކުރާ ޝާމިލް މަސައްކަތް ކުރައްވަނީ އެތަނުގެ ރީސާޗް ޔުނިޓްގަ އެވެ. އޭސީސީގައި އަށް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ޝާމިލަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 77.28 މާކްސް ދިނެވެ.

ތިން ވަނަ އަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ އޭސީސީގައި ކުރިން މަސައްކަތް ކުރެއްވި ފާތުމަތު އަނޫލާ އަށެވެ. އޭސީސީގައި އިންވެސްޓިގޭޓަރަކަށް އުޅުއްވި އަނޫލާ އަށް 77.26 މާކްސް ލިބިވަޑައިގަތެވެ. ހަތަރު ވަނަ އަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ މަރިޔަމް ޝިއުނާ އަށެވެ. ޓްރާންސްޕޭރަންސީގައި މަސައްކަތް ކުރައްވާ ޝިއުނާ އަށް 76.97 މާކްސް ލިބިވަޑައިގެންނެވި އެވެ.

ފަސް ވަނަ އަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ އައިޝަތު އަބްދުﷲ އަށެވެ. އޭސީސީގައި މީގެ އެތައް އަހަރެއް ކުރިން އިންވެސްޓިގޭޓަރަކަށް އުޅުއްވި އައިޝަތަށް 75.14 މާކްސް ލިބިވަޑައިގެންނެވި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއުކޮށްގެން މުއައްސަސާތަކަށް ކުރިމަތިލާ ބޭފުޅުންނަށް މާކްސް ދޭ އިރު، އެ ބޭފުޅުންނަށް މާކްސް ދިނުމުގެ ކުރިން ތައުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާގެ މުއްދަތާއި ތަޖުރިބާ އާއި މަގާމުގެ މަސައްކަތާ ހުރި ގުޅުމާއި ކިހާ ނަޒާހަތްތެރި ބައެއްތޯ ބަލަ އެވެ.

އޭސީސީ އަށް އައްޔަން ކުރަން ގާބިލް ފަރާތެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދާއި ނައިބު ރައީސް އައިމިނަތު މިންނާ އާއި މެމްބަރު ސަފްވަތު މުހައްމަދުގެ އިތުރުން ޔަޒްމީދު މުހައްމަދެވެ. އެ ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭސީސީގައި މިހާރު ތިއްބެވި ހަތަރު މެމްބަރުންގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ.