ޕީސީބީ އަލުން އެކުލަވާލަން ރައީސަށް ލަފާ އެރުވުމަށް މަޖިލިހުން ފާސްކޮށްފި

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެމްބަރުންގެ ބޯޑު އެކުލަވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


ޕީސީބީ ބޯޑު މެމްބަރުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. އެކަމަކު، ޕީސީބީ އަށް އައްޔަން ކުރާ މެމްބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ އެވެ.

މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ހުށަހެޅި ރިޕޯޓު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ. ރިޕޯޓަށް ހުށަހެޅި އިސްލާހެއްގައި ވަނީ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ނަންތައް މަޖިލިހުން ރުހުން ހޯދަން ފޮނުވަން ވެސް ލަފާދީފަ އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގައި މިހާރު ތިއްބެވި ފަސް މެމްބަރުންނަކީ ބޯޑުގެ ރައީސް މުހައްމަދު ނިޒާރު، މެމްބަރު އަލީ ވާސިފް، މެމްބަރު އަޝްރަފް އަލީ، މެމްބަރު ހުސެއިން އަލީ ހަބީބް އަދި މެމްބަރު އަލީ ޝުޖާއު އެވެ. އެކަމަކު ބޯޑުގައި ހަތް މެމްބަރުން ތިއްބަވަން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމް ކުރެ އެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޕީސީބީ އެކުލަވާލި ފަހުން ރައްޔިތުންގެ މަޖިލިހަށް ރުހުން ހޯދަން ފޮނުވާފައި ނުވާ ކަން ފާހަގަކޮށްފައިވެ އެވެ. ކޮމިޓީން ދެކޭ ގޮތުގައި މެމްބަރުންނަށް ރުހުން ހޯދަން މަޖިލިހަށް ނުފޮނުވުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓައިޒް ކުރުމާއި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނާ ހިލާފަށް ކުރި ކަމެކެވެ.

ބޯޑުގައި ރަނގަޅު އޮނިގަނޑެއް ހަދާފައި ނެތުމުން އިދާރީ ހިންގުމަށް ބޭނުންވާނެ ގާބިލް މުވައްޒަފުން ބޭނުންވާ އަދަދަށް ނުލިބުމާއި ބޯޑުގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާނުކުރެވުމާއި އިދާރީ ގޮތުން ހިންގަން ޖެހޭ ކަންކަން ނުކުރެވުމާއި ގާނޫނު އެންމެ ފުރިހަމަ ގޮތަށް ތަންފީޒު ނުކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ތެރެއިން ފައިދާ ނުވާ ތަންތަނާ މެދު އަޅާނެ އިސްލާހީ ފިޔަވަޅެއް ބޯޑުން ކަނޑައަޅާފައި ނެތެވެ. ބައެއް ކުންފުނިތައް ދިރާސާކޮށް ހިންގުން ހަރުދަނާ ކުރުމަށް ދޭން ޖެހޭ ލަފާ ބޯޑުން ދިނަސް، ހުރިހާ ކުންފުނިތައް ދިރާސާ ކުރާނެ ގާބިލް ކަމެއް ނެތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.