ބިޝާމް ވަކިކުރަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހަޅައިފި އެވެ.


ސިރާޖު "މިހާރު" އަށް މިއަދު ވިދާޅުވީ ބިޝާމަށް އިތުބާރު ނުކުރެވޭތީ އޭނާ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕަށް މީގެ ތިން ހަފުތާ ކުރިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ މެދު އަދި ވަކިގޮތެއް ނުނިންމަ އެވެ.

އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުން މީހުން ވަކިކުރުމަށް މެމްބަރުންނަށް މަޖިލީހަށް ހުށަހެޅުނަސް، އެންމެ ރަނގަޅުގޮތަކީ އެކަމާ މެދު ޕާޓީގެ ޕީޖީން ގޮތެއް ނިންމުން ކަމަށެވެ. އެކަން ޕާޓީގެ ޕީޖީ އަށް ހުށަހެޅީ ވެސް އެ ސަބަބާ ހުރެ ކަމަށް ވިދާޅުވި އެވެ.

"މައްސަލަ މަޖިލީހަށް ހުށަހެޅުނަސް، ވޯޓު ދޭން ތިބޭނީ ހަމަ އެ މެމްބަރުން ދެއްތޯ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ އެކަން މަޝްވަރާކޮށްގެން މަޖިލީހަށް ހުށަހެޅުން،" ސިރާޖު ވިދާޅުވި އެވެ.

ބިޝާމް ވަކިކުރުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް ހުށަހެޅިއިރު، ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މޭޑޭގެ ގައިދީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ޕީޖީން ކަންތައް ކުރިގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މެއި 1، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިންކަން ސާބިތުވެ އަބްދުﷲ ރަޝީދު ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަނިކޮށް އޭނާ މަރުވުމުގައި ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތު ކުރެ އެވެ. އެހެންވެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވަނީ އަބްދުﷲ، 51، ގެ މަރުގެ މައްސަލައިގައި އިހުމާލުވާ ކަރެކްޝަންސްއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅައިފަ އެވެ. ނަމަވެސް ޕީޖީން ވަނީ ދައުވާނުކޮށްދީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރި ދުވަހު، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ އަށް ހައި ކޯޓުގައި އެދިފައި ވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާކަން ހައި ކޯޓުން ރިލްވާންގެ އާއިލާ އަށް ލިޔުމުން އިއްޔެ ދިން ޖަވާބުގައި ބުނެފައިވެ އެވެ.