ވީހާ ވެސް އަވަހަށް ޗެކިން ވާން އެމްއޭސީއެލް އިން އިލްތިމާސްކޮށްފި

ވެލާނާ އެއާޕޯޓަށް ވީހާ ވެސް އަވަހަށް ޗެކިން ވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.


އެ ކުންފުނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ އީދުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާއިރު އެއާޕޯޓަށް ވަރަށް ބާރުބޮޑު ކަމަށެވެ. އެހެންވެ ދަތުރުކުރާ އެންމެން ވެސް ތޮއްޖެހުން ކުޑަކުރަން ވީހާ ވެސް އަވަހަކަށް ޗެކިން ވުމަށް އެދިވަޑައިގެންނެވި އެވެ.

ޑޮމިސްޓިކުން ދަތުރުކުރާ މީހުން ދެ ގަޑިއިރު ކުރިން އަދި އިންޓަނޭޝަލް އިން ދަތުރުކުރާ މީހުން ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އެދެ އެވެ.

އޭނާ ވިދާޅުވީ ގިނަ މީހުން ޗެކިން ވަނީ އެންމެ ފަހު ވަގުތު ކަމަށެވެ.

"އާއިލާއާއެކު ދަތުރުކުރާ މީހުން ގިނައީ. އެންމެން ވެސް ޗެކިން ވާން މި އަންނަނީ އެންމެ ފަހުވަގުތު. އެގޮތަށް ވީމާ ތޮއްޖެހި ފްލައިޓް ޑިލޭ ވެގެން ދަނީ،" ހަސަން ވިދާޅުވި އެވެ.

އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށުން ބޭރަށް ދާއިރު އެއާލައިންތަކުން ޖާގަ ހޯދުމަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.