މެދު ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި

ރާއްްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު މޫސުން ގޯސްވެ، ވައިބާރުވާނެ ކަަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފި އެވެ.


މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ނެރުނު އެލާޓްގައި ބުނެފައިވާ ގޮތުން މި ސަރަހައްދަށް ވާރޭ ވެހުމާ އެކު ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މެދު ރާއްޖެ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރުމުގެ ކުރިން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ވެސް މިއަދު ވަނީ ނެރެފަ އެވެ.

އެގޮތުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންކަމުން އެ ސަރަހައްދުތަކަށް މިއަދު ހެނދުނު 7:40 އިން މެންދުރު ފަހު 1:40 އަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ. ބޯކޮށް ވާރޭ ވެހުމާ އެކު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަަމަށް ވެސް މެޓުން ލަފާކުރެ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާއިރު ބައެއް ރަށްރަށުގައި މިއަދު ވަނީ ފެންބޮޑުވެފަ އެވެ. އެގޮތުން ޅ. ނައިފަރުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ވަނީ ފެން ވަދެފަ އެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "މިހާރު"އަށް ވިދާޅުވީ މެދު ނުކެނޑި ދެ ގަޑިއެއްހާ އިރު ބޯކޮށް ވާރޭ ވެހުނު ކަމަށެވެ. އަދި ރަށުގައި ފެންބޮޑުވެ ހަތަރު ގެއެއްގެ ގިނަ އަދަދެއްގެ ފަރުނީޗަރު ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކާރިމް ވިދާޅުވި ގޮތުގައި ފެން އެންމެ ބޮޑުވި ސަރަހައްދުތަކުން ފެން ހިންދަން ސިފައިންނާއި ފުލުހުންނާއި ރަށު ކައުންސިލްގެ އިތުރުން އެ ރަށުގައި ފެނާއި ނަރުދަމާ އަޅަމުން އަންނަ ކުންފުނިން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.