ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް މަތިކޮށް އަދި ކުޑަކުދިން ކައިވެނިކުރުން މުޅިން މަނާކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ގާނޫނެއް އެކުލަވާލުމުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މިހާރު އަމަލުކުރާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައި އޮންނަ ގަވާއިދު ބުނާގޮތުން އުމުރުން 10 އަހަރު ވެފައިވާ ކުދިން އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި މަރުގެ ހުރިހާ ބާވަތެއްގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ އެވެ. އަދި 15 އަހަރު ވުމަށް ފަހު ހުރިހާ ޖިނާއީ ކުށްތަކެއްގެ މަސްއޫލިއްޔަތު އުފުލަން ޖެހެ އެވެ.
ރައީސް އޮފީހުން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އާ ގާނޫނެއް އެކުލަވާލުމުގެ ބިލް މަޖިލީހަށް ފޮނުވިއިރު ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 15 އަހަރަށް މަތިކޮށްފައިވާ ކަމަށެވެ. އަދި އެ ގާނޫނު އައުމަށް ފަހު، 15 އަހަރު ނުވާ ކުއްޖަކަށް އެއްވެސް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް އެ ބިލްގައި ކަނޑައެޅުމުގެ އިތުރުން އެއްވެސް ކުއްޖަކަށް މަރުގެ އަދަބު ދިނުން މަނާކުރަން ވެސް އެ ބިލްގައި ހިމަނާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގާނޫނާ ޚިލާފް ކަންކަން ކުރާ ކުދިން ކުށްކުރުމާ ދުރުހެލިކޮށް، އަނބުރާ މުޖުތަމައަށް ގެނެވޭނެ ނިޒާމެއް ގާއިމުކުރަން އެ ބިލްގައި ހިމަނާފައިވާނެ އެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން، ޚާއްސަ ހުއްދައެއްގެ ދަށުން ކުޑަކުދިންނަށް ކައިވެނި ކުރެވުނަސް، ރައީސް އޮފީހުން ބުނިގޮތުގައި މަޖިލީހަށް ފޮނުވި ބިލުގައި ކުޑަކުދިންގެ ކައިވެނި އެއްކޮށް ވާނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ކުޑަކުދިންނާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ލަފާ ދިނުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ކައުންސިލެއް އުފެއްދުމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ފެމިލީ ޕްރޮޓެކްޝަން ސާވިސްއެއް އުފައްދަން ވެސް އެ ބިލްގައި ހިމަނާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގާނޫނު ތަންފީޒު ކުރެވޭ މިންވަރު ބެލުމަށްޓަކައި މިނިވަން ފަރާތެއްގެ ގޮތުގައި ގޮތުގައި ޗިލްޑްރަންސް އޮމްބަޑްސްމަންއެއް އައްޔަން ކުރަން ވެސް އެ ބިލުގައި ހިމަނާފައިވެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ އާ ބިލެއްގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ބިލެއް ވެސް ސަރުކާރުން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެ ބިލަކީ ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމުގެ ބިލެކެވެ.
އެ ބިލާ އެކު، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލުމަށް ޚާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ކަނޑައެޅުމާ އެކު މާލޭގައި ހުންނަ ޖުވެނައިލް ކޯޓުގެ އިތުރުން އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކެއް ވެސް އަތޮޅު ތެރޭގައި ގާއިމުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުޑަކުދިންގެ އަދުލުގެ ބިލަކީ އުވިދިޔަ މަޖިލީހަށް ވެސް ސަރުކާރުން ހުށަހެޅި ބިލެކެވެ. އެކަމަކު އެ ބިލް ފާސް ނުވަނީސް، އެ މަޖިލީހުގެ ދައުރު ވަނީ ހަމަވެފަ އެވެ.