އައްޑޫ ހައި ސްކޫލުގެ 200 ދަރިވަރުންގެ ވަފުދެއް ހަމަދު ސްކޫލަށް!

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އައްޑޫ ހައި ސްކޫލުގެ 200 ދަރިވަރުންގެ ބޮޑު ވަފުދެއް ލ. ގަމު ހަމަދު ސްކޫލަށް މިއަދު ޒިޔާރަތްކޮށްފި އެވެ. މިއީ މިހާ ބޮޑު ވަފުދަކުން އެ ސްކޫލަށް ކުރި ފުރަތަމަ ޒިޔާރަތެވެ.


ހަމަދު ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު ވިދާޅުވީ ދިވެހި މާއްދާގެ ދަތުރުނާމާ އާއި އާސާރީ ތަންތަން ބަލައިލުމުގެ އިތުރުން ދިރިއުޅުމުގެ ތަފާތު ތަޖުރިބާ ހޯދަން ކުރާ ދަތުރުގައި އައްޑޫ ހައި ސްކޫލްގެ ގްރޭޑު 11 އަދި 12ގައި ކިޔަވަމުން އަންނަ 156 ދަރިވަރުން ބައިވެރިވާ ކަމަށެވެ. ދަތުރުގައި ދެން ބައިވެރިވަނީ ޓީޗަރުންނާއި ބައެއް ބެލެނިވެރިންނެވެ.

"ޖަޒީރާ ދަތުރު" ގެ ނަމުގައި، ކަނޑު ބޯޓަކުން މިކުރާ ދަތުރުގައި ހިތަދު އާއި ގަމާ ދެމެދު 18 ގަޑިއިރު ހޭދަވެ އެވެ. ދަތުރުގައި އެ ދަރިވަރުން އިއްޔެ ވަނީ ގދ. ތިނަދުއަށް ވެސް ޒިޔާރަތްކޮށްފަ އެވެ.

ހަމަދު ސްކޫލުގެ ދަރިވަރުން އައްޑޫ ހައި ސްކޫލުގައި: ދަތުރުތަކުގެ ފައިދާ ބޮޑު - ފޮޓޯ: އައްޑޫ ހައި ސްކޫލް ފޭސްބުކް ޕޭޖް

ޝައުކަތު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ދަރިވަރުން ގަމުގައި މަޑުކުރާނެ ކަމަށެވެ. އެ މުއްދަތުގައި އިސްދު އާއި މައިބާދުއަށް ޒިޔާރަތްކޮށް އެ ތަންތަނުގެ އާސާރީ ތަންތަން ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ދަތުރުތަކުގެ ސަބަބުން ގިނަ އާއިލާތަކެއްގެ ގުޅުން އުފެދިގެން ހިނގައްޖެ. މެހެމާންދާރީ އަދާކުރުމުގެ ކަންކަން ވެސް ދަރިވަރުންނަށް ދަސްވެގެން ދާނެ،" ޝައުކަތު ވިދާޅުވި އެވެ.

އައްޑޫ ހައި ސްކޫލްގެ ދަރިވަރުންގެ ހުރިހާ ކަމެއް ހަމަޖައްސާފައިވަނީ ހަމަދު ސްކޫލުންނެވެ.

ހަމަދު ސްކޫލުގެ ދަރިވަރުން އައްޑޫ ހައި ސްކޫލަށް މިދިޔަ މަހު ކުރި ޒިޔާރަތް -- ފޮޓޯ: އައްޑޫ ހައި ސްކޫލް ފޭސްބުކް ޕޭޖް

މިދިޔަ މަހުގެ ފަހުކޮޅު ހަމަދު ސްކޫލުގެ ދަރިވަރުން ވަނީ އައްޑޫ ހައި ސްކޫލަށް ޒިޔާރަތެއް ކޮށްފަ އެވެ.

ޝައުކަތު ވިދާޅުވި ގޮތުގައި އެފަދަ އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދަރިވަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެ އެވެ. އަދި އެ ދަތުރުތަކުން ދަރިވަރުންނަށް އާ ކަންކަން ދަސްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.