ވާމިލިއަނުން ހުއްޓާލި ފ. އަތޮޅުގެ ފެރީ އެމްޓީސީސީން ފަށައިފި

ވާމިލިއަން ކުންފުނިން ފ. އަތޮޅުގެ ފެރީގެ ހިދުމަތް މިދިޔަ ރޯދަ މަހު ހުއްޓާލާފައި ވަނިކޮށް އެމްޓީސީސީން މިއަދު އެ ހިދުމަތްދޭން ފަށައިފި އެވެ.


އެ އަތޮޅުގެ ހުރިހާ ރަށަކަށް ފެރީ ދަތުރުތައް ފެށި އެމްޓީސީސީން ބުނީ ހުކުރާއި ހޯމަ ފިޔަވާ ކޮންމެ ދުވަހަކު ފެރީ ދަތުރު ކުރާނެ ކަމަށެވެ. އަގަކީ 20ރ. އެވެ.

ވާމިލިއަނުން ފެރީގެ ހިދުމަތް ދެމުން އައީ ފ. އަތޮޅުގެ އިތުރުން މ. އަތޮޅަށާއި ދ. އަތޮޅަށެވެ. އެ ކުންފުނިން ފެރީގެ ހިދުމަތް ހުއްޓާލުމުން އެމްޓީސީސީން ވަނީ ވަރަށް ފަހުން އެ ދެ އަތޮޅަށްވެސް ފެރީގެ ހިދުމަތް ފަށައިފަ އެވެ.

އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަކީ ރިސޯޓެއް ހެދުމަށް ވާމިލިއަން އަށް ދެ ރަށް ދީފައި ވާތީ އެކަމުގެ ބަދަލުގައި ކޮށްދޭންޖެހޭ ކަމެކެވެ. ފެރީގެ ހިދުމަތް ހުއްޓާލި ނަމަވެސް އެ ދެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ.

ދެ ރިސޯޓް ދީފައި ވަނިކޮށް ފެރީގެ ހިދުމަތް ހުއްޓާލި މައްސަލާގައި އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިފަ އެވެ. ނަމަވެސް މިހާތަނަށް ފިޔަވަޅެއް އަޅާފައެއްނުވެ އެވެ.

ވާމިލިއަން އަކީ އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)ގެ ކުންފުންޏެކެވެ. އެކަމާ ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެމްޑީޕީގެ ކުރީގެ ސަރުކާރުން ފެރީގެ ހިދުމަތް ދޭން އެކި ކުންފުނިތަކާ ހަވާލުކުރީ، އޭގެ ބަދަލުގައި ރިސޯޓްތައް ހަދަން ރަށްރަށާއި ގެސްޓް ހައުސްތަކަށް ބިންތައް ދޫކުރާ ގޮތަށެވެ. ބައެއް ކުންފުނިތަކުން ވަނީ އޭރު ލިބުނު ރަށްރަށުގައި މަތީފަންތީގެ ރިސޯޓުތައް ވެސް ހަދައިފަ އެވެ. އެކަމަކު ފެރީގެ ހިދުމަތެއް ނުދެ އެވެ.