ތިން އަތޮޅަކަށް ދޭ ފެރީގެ ހިދުމަތް ވާމިލިއަނުން ހުއްޓާލައިފި

މ. އާއި ފ، އަދި ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކޮށްފައިވާ ވާމިލިއަން ކުންފުނިން އެ އަތޮޅުތަކަށް ފެރީގެ ހިދުމަތް ދިނުން މެދުކަނޑާލައިފި އެވެ.


އެ ތިން އަތޮޅުގެ ކައުންސިލުން ބުނިގޮތުގައި ރޯދަ މަހުގެ މެދު ތެރެއިން ފެށިގެން އެ ކުންފުނިން ވަނީ ފެރީގެ ހިދުމަތް ދިނުން ހުއްޓާލައިފަ އެވެ. އެ ކުންފުނިން އެ ހިދުމަތް ހުއްޓާލީ އަށް އަހަރު ހިދުމަތް ދިނުމަށް ފަހުގައި ކަމަށް ކައުންސިލްތަކުން ބުނެ އެވެ.

"މީގެ ކުރިން މެދު ކެނޑުނު ނަމަވެސް ފެރީގެ ހިދުމަތް ދެމުން އައީ. މިހާރު އެއްކޮށް ހުއްޓާލައިފަ އޮތީ. އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ދަތިތައް ކުރިމަތިވޭ،" ދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވި އެވެ.

އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދޭތީ އެ ކުންފުންޏަށް ވަނީ ރިސޯޓް ހެދުމަށް ދެ ރަށް ދީފަ އެވެ. ފެރީގެ ހިދުމަތް ހުއްޓާލި ނަމަވެސް އެ ދެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ.

އެކަމާ ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ވާމިލިއަން އިން ފެރީގެ ހިދުމަތް ދެވެން ނެތްކަން އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އެ ކުންފުނިން ބުނަނީ އެ ކުންފުންޏަށް ސަރުކާރުން ދޭން ޖެހޭ ބިންތަކެއް ނުދިނުމާއި އެއްބާރުލުން ނުލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ރިސޯޓް ދީފައި ވަނިކޮށް ފެރީގެ ހިދުމަތް ހުއްޓާލި މައްސަލާގައި އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިފައިވާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

އެ ތިން އަތޮޅުގެ ފެރީގެ ހިދުމަތް ހުއްޓިފައިވާތީ އެމްޓީސީސީ މެދުވެރިކޮށް ވަރަށް އަވަހަށް އެ ހިދުމަތް ފަށާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

އެމްޑީޕީ ކުރީގެ ސަރުކާރުން ފެރީގެ ހިދުމަތް ދޭން އެކި ކުންފުނިތަކާ ހަވާލުކުރީ، އޭގެ ބަދަލުގައި ރިސޯޓްތައް ހަދަން ރަށްރަށާއި ގެސްޓް ހައުސްތަކަށް ބިންތައް ދޫކުރާ ގޮތަށެވެ. ބައެއް ކުންފުނިތަކުން ވަނީ އޭރު ލިބުނު ރަށްރަށުގައި މަތީފަންތީގެ ރިސޯޓުތައް ވެސް ހަދައިފަ އެވެ. އެކަމަކު ފެރީގެ ހިދުމަތެއް ނުދެ އެވެ.

އޭރުގެ ހައުސިން މިނިސްޓަރު، އަދި މިހާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ ނަޝީދު ސަރުކާރުން ގެންނަން އުޅުނު ދަތުރުފަތުރުގެ ނިޒާމް ފެއިލްވީ އެކަންކަމާ ހަވާލުވި މީހުންގެ ނިޔަތް ގޯސްވުމުން ކަމަށެވެ.

ބައެއް އެއްބަސްވުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ފެރީގެ ހިދުމަތް ނުދީގެން އެއްބަސްވުން އުވާލުމުން ބޮޑެތި ބަދަލުތައް ހޯދަން ކޯޓަށް މައްސަލަ ހުށައެޅި އެވެ. އެގޮތުން މިފަހުން އެންމެ މަޝްހޫރުވީ ދީބާޖާގެ މައްސަލަ އެވެ.