މަޖިލިސް ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ސުޕަ ކޮމިޓީ ހަދަން ރުހުމެއް ނުލިބުނު!

މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް ބޭފުޅުން ކަނޑައެޅުމާއި ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ސުޕަ ކޮމިޓީއެއް ހަދަން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން މިއަދު ދެކޮޅު ހައްދަވައިފި އެވެ.


މަޖިލިހުގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާ އިރު، ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި ބޭރު ގައުމުތަކަށް ދިވެހި ސަފީރުން ކަނޑައެޅުމުގެ ޒިންމާއާ ހަވާލުވެފައި އޮތީ މަޖިލިހަށެވެ. ރައީސް އޮފީހުން ނަންތައް މަޖިލިހަށް ފޮނުވުމުން ފުރަތަމަ މަރުހަލާގައި އެ ނަންތައް ދިރާސާ ކުރަނީ ކަމާ ގުޅޭ ކޮމިޓީއަކުންނެވެ.

އެ ކޮމިޓީން ނަންތައް ދިރާސާ ކުރުމަށް ފަހު ރުހުން ހޯދަން މަޖިލިހުގެ ތަޅުމަށް ފޮނުވަ އެވެ. އެންމެ ފަހު މަރުހަލާއެއްގެ ގޮތުން ނަންތައް ފާސްކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލިހުގެ ތަޅުމުންނެވެ. އެކަމަކު، މަޖިލިހުގައި ޒަމާނުއްސުރެ، އަމަލުކުރާ އުސޫލު ބަދަލު ކުރައްވަން ނިންމެވީ ނަޝީދެވެ.

މަޖިލިހުގެ ގަވައިދަށް ނަޝީދު ގެންނަން ބޭނުންފުޅުވާ އިސްލާހުގައިވާ ގޮތުން މުސްތަގިއްލު ކޮމިޝަންތަކާއި އެކިއެކި މަގާމުތަކަށް ބޭފުޅުން ކަނޑައަޅައި ވަކި ކުރާނީ ސުޕަ ކޮމިޓީއަކުންނެވެ. ސުޕަ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ. އިސްލާހުގައިވާ ގޮތުން ކޮމިޓީ ޗެއާ ކުރައްވާނީ ވެސް ނަޝީދެވެ. ސުޕަ ކޮމިޓީން ނަންތަކާ މެދުގައި ގޮތެއް ނިންމުމަށް ފަހު، މަޖިލިހުގެ ތަޅުމަށް ފޮނުވާނީ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސުޕަ ކޮމިޓީ ހަދަން ފެނޭތޯ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި ނަޝީދުގެ ހުށަހެޅުމަށް މެމްބަރުންގެ ތާއީދެއް ނުލިބުނެވެ.

އެކަމަކު، ހުށަހެޅުން އައީ ކޮމިޓީގެ ޗެއާއަކަށް މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މުގައްރިރުންނާއި މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ލީޑަރުން ހިމަނައިގެން ކޮމިޓީއެއް ހަދާށެވެ. އެ ކޮމިޓީގައި ނަޝީދު ބައިވެރި ކުރަން އެ އިސްލާހުގައި ހުށަހަޅާފައެއް ނުވެ އެވެ.

ސުޕަ ކޮމިޓީ ހަދަން ނުފެންނަ ކަމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ޕީޖީގައި 65 މެމްބަރުން ތިއްބެވި އިރު، ބައްދަލުވުމަށް 50 އަށް ވުރެ ގިނަ މެމްބަރުން ވަޑައިގެންނެވި ކަމަށްވެ އެވެ.

ނަޝީދު ގެންނަވަން ނިންމެވި ބަދަލާ ގުޅިގެން މަޖިލިހުގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން ބޮޑުވެފަ އެވެ. އެމްޑީޕީގެ ތެރޭގައި ވެސް އެ ހިޔާލު ތަފާތުވުން އެބަ އޮތެވެ. ޚާއްސަކޮށް، ސުޕަ ކޮމިޓީގެ ޗެއާއަކަށް މަޖިލިހުގެ ރައީސް ނަޝީދު އިންނެވުން ބައެއް މެމްބަރުންނަށް ގަބޫލެއް ނުކުރެއްވެ އެވެ.

ހިޔާލު ތަފާތާ ބޭފުޅުންގެ ނަޒަރުގައި ނަޝީދު އުޅުއްވަނީ މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ މަސައްކަތަށް އަތްގަދަ ކުރައްވާށެވެ. ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ ނަޒަރުގައި އިސްލާހު ގެންނަނީ މީގެ ކުރިން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގައި މަޖިލިހުގެ ކޮމިޓީތަކުން އަމަލުކޮށްފައި ހުރި ގޮތުން އެ މުއައްސަސާތައް ފެއިލްވުމުން "އާ" ގޮތްތަކެއް ހޯދާށެވެ.

މަޖިލިހުގެ ގަވައިދަށް ބަދަލުތަކެއް ގެނެސް، 17 ކޮމިޓީއެއް އުފައްދައި އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި އިރު، މިނިވަން މުއައްސަސާތަކަށް ލިބޭ ބައެއް ބާރުތައް ވަނީ އެހެން ކޮމިޓީތަކަށް ބަހާލައިފަ އެވެ. އެގޮތުން ބައެއް މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އެހެން ކޮމިޓީތަކަށް ދީފައިވެ އެވެ.

މަޖިލިހުން ދާދި ފަހުން ފާސް ކުރި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އައްޔަން ކުރުމުގެ ބާރު މާލިއްޔަތު ކޮމިޓީ އަށް ލިބޭ އިރު، ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު އޮތީ ޖުޑިޝަރީ ކޮމިޓީ އަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުން ކަނޑައެޅުމުގެ ބާރު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް އޮތް އިރު، މީރާގެ ވެރިން ކަނޑައެޅުމުގެ ބާރު އޮތީ އިގްތިސާދީ ކޮމިޓީތަކަށެވެ.

ދެން ބާކީ ހުރި މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. ކޮމިޓީއަކުން ކަމެއް ނިންމިޔަސް، އެކަމާ މެދު މަޖިލިހުގެ ތަޅުމުގައި ވޯޓަކަށް އަހަން ގަވައިދު ލާޒިމެވެ.