ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގައި މި ސަރުކާރުގެ ތެދުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޚިޔާނާތުގެ ފައިސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖެހިވަޑައިގެންފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ހިތްތަކަށް ތަސައްލީ ލިބޭ ކަމަށެވެ. ޖަމީލް އެ އިޝާރާތް ކުރެއްވީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން އެއްވެސް ފައިސާއެއް ނަންގަވާފައި ނުވާނެ ކަމަށް ރައީސް މި ހަފުތާގައި ދެއްވި ޔަގީންކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި އަދީބު ރިޝްވަތުގެ ގޮތުގައި ރައީސަށް 37 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދެއްވި ކަމަށް ދާދި ފަހުން ތުހުމަތުތަކެއް ކުރި އެވެ. އެ ފައިސާއާ ރައީސް ހަވާލުވެވަޑައިގަތީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ކުރީގެ ބަންޑާރަ ނައިބު އަނިލްގެ ހާޒިރުގައި ކަަމަށް ވެސް އަޑު ފެތުރި އެވެ.
އެކަމަކު ރައީސް އޮފީހުން ބުނީ ދެ ބޭފުޅުންނާ އެކުގައި ދުވަހަކު ވެސް ރައީސް ބައްދަލު ކުރައްވާފައި ނުވާ ކަމަށާއި ފައިސާއެއް ނަންގަވާފައި ނުވާނެ ކަމަށެވެ.
ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް އަދީބާ އެކު ސަރުކާރުން "ޑީލް" ހަދާފައިވާ ކަމަށް ތުހުމަތުކޮށް ޖަމީލް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބުގެ މައްޗަށް ޖިނާއީ ދައުވާ ނުކޮށް، އެކަމުގައި ވަށައިގެން ހިމެނޭ އެހެން މީހުންގެ މައްޗަށް ދައުވާ ކުރަމުން އަންނަނީ އެ ޑީލްގެ ދަށުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ރޭވި ހިސާބުން ފަށައިގެން ފުލުހުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. އެ ތަހުގީގަށް އަދީބު އެއްބާރުލުން ދެއްވަމުން ގެންދަވަނީ ދައުލަތާ އެކު އޭނާ ހެއްދެވި އެއްބަސްވުމެއްގެ ދަށުންނެވެ.
ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން އެކުލަވާލި އެ އެއްބަސްވުމުގައި އަދީބު އެއްބަސްވެވަޑައިގަންނަވަނީ ކުށްތަކަށް އިއުތިރާފްވެވަޑައިގަތުމާ އެކު ތަހުގީގަށް އެއްބާރުލުން ދެއްވާށެވެ. ބަދަލުގައި އަދީބަށް ވެސް ލުއިތަކެއް ލިބެ އެވެ. އޭގެތެރޭގައި، ވަކި މުއްދަތަކަށް ވުރެ ކުރު ހުކުމް އަންނަ ކުށްތަކުގައި ދައުވާ ނުކުރުން ހިމޭނޭ ކަން އެނގިފައިވެ އެވެ.
ޕްލީ ބާގެއިން ނުވަތަ ކުށުގެ ތުހުމަތުކުރެވޭ މީހަކާ އެކު އެއްބަސްވުން ހެދުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަމަލުކުރަމުން އޮންނަ ގޮތެކެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި ޖަމީލް ކަންބޮޑުވުންފާޅުކުރެއްވި އިރު، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނާ އެކު މަސައްކަތް ކުރެއްވުމަށް ޖަމީލް ވަނީ ނިންމަވައިފަ އެވެ.