ބަލަނީ ރައީސާ ދެކޮޅަށް ހުށަހެޅި ލިއުންތައް ސައްހަތޯ އެކަނި: އޭސީސީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޭންކް އެކައުންޓަކަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި 4.2 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ލިއުންތައް ސައްހަތޯ ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ބަލަމުން އަދި ނުދާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


ރާއްޖޭގައި މަޝްރޫއެއް ހިންގަން އައި ބޭރުގެ ކުންފުންޏަކުން ރައީސްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނެ އޭސީސީ އަށް މައްސަލަ ހުށަހެޅީ އާއްމު މީހެކެވެ. އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ފައިސާ ޖަމާކޮށްފައި ވަނީ މެލޭޝިއާގައި ހުޅުވާފައިވާ ރައީސްގެ އެކައުންޓަކަށް ކަމަށެވެ. އެ މައްސަލައާ ގުޅޭ ޓްރާންސެކްޝަންތަކެއް ކަމަށް ބުނެ ލިއުންތަކެއް ވެސް އޭސީސީ އަށް ހުށަހެޅި އެވެ.

މި ތުހުމަތު އަމާޒުކުރުމާ އެކު ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލް ވިދާޅުވެފައި ވަނީ މެލޭޝިއާގެ އެއްވެސް ބޭންކެއްގައި ރައީސްގެ އެކައުންޓެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މެލޭޝިއާ ބޭންކެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ފަތުރާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޭސީސީގެ ނައިބު ރައީސް އައިމިނަތު މިންނާ މިއަދު ވިދާޅުވީ ރައީސަށް ތުހުމަތުތަކެއްކޮށް ހުށަހެޅި މައްސަލައިގެ ތަހުގީގު ނުފަށާ ކަމަށެވެ. އެކަމަކު ރައީސަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައާ އެކު ކޮމިޝަނާ ހިއްސާކުރި ލިއުންތަކަކީ ސައްހަ އެއްޗެއްތޯ ބަލަމުން އަންނަ ކަމަށާއި އެއީ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފި ނަމަ އަމަލުކުރާ އާއްމު އުސޫލު ކަމަށް ވިދާޅުވި އެވެ.

އޭސީސީ އަށް ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީކޮށް، މައުލޫމާތު ވެރިފައިކުރަން ޓީމަކާ ހަވާލުކުރިއަސް މައްސަލަ ހުށަހެޅި ފަރާތަކަށް އެކަން މެސެޖަކުން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލައިގައި ހުށަހެޅި ލިއުންތައް ވެރިފައި ކުރަން ޓީމަކާ ހަވާލުކުރީ. އެއީ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފި ނަމަ އަމަލުކުރަމުން އަންނަ އާއްމު އުސޫލު. ތަހުގީގެއް ނުފަށާ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ހުށަހެޅި މީހާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކުރި ލިއުންތަކެއް އޭނާ އަށް ވަނީ ލިބިފަ އެވެ. އޭސީސީ އަށް މައްސަލަ ހުށަހެޅީ އެ ލިއުންތަކުގެ ސައްހަކަން ކަށަވަރު ކުރަން ކަމަށް ވެސް އެ މީހާއާ ހަވާލާދީ ލިއެފައިވެ އެވެ.

ރައީސްގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި ކަމަށް މީގެކުރިން އިދިކޮޅު ޕީޕީއެމުން ވެސް ތުހުމަތު ކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ތުހުމަތު ކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ އިން ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރައީސަށް ލިބިވަޑައިގަތެވެ. އާރިފާއި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ އެ ތުހުމަތާ ގުޅިގެން އޭސީސީން މައްސަލަ ތަހުގީގު ކުރި އެވެ.

މި ތަހުގީގަށް ފަހު އޭސީސީން ނެރުނު ރިޕޯޓުގައި ވަނީ ދެ ބޭފުޅުން ވެސް ތަހުގީގުގައި ވިދާޅުވީ އެއީ، "ސިޔާސީ ގޮތުން ދެއްކެވި ވާހަކަތަކެއް" ކަމަށެވެ.