ޖަޒީރާ ތަރައްގީއަށް ވާސިލްވާނީ ލާމަރުކަޒީ ރާއްޖެއެއް ބިނާ ކުރެވިގެން: ރައީސް

އެމްޑީޕީގެ "ޖަޒީރާ ރާއްޖޭ"ގެ ހަގީގީ ތަރައްގީ އަށް ވާސިލްވެވޭނީ "ލާމަރުކަޒީ ރާއްޖެއެއް" ބިނާ ކުރެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފަށަން ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރެއް ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމަކަށް އަބަދުވެސް ވެފައި އޮތީ މައި ސަރުކާރުގެ ދަށުގައި ރާއްޖޭގެ ޖަޒީރާ ރަށްތައް ވަރަށް އެކަހެރިކޮށް އޮތް އޮތުމަށް ނިމުމެއް ގެނެސް، ސީދާ ބާރުތައް ރައްޔިތުންގެ މައްޗަށް ދޫކޮށްލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވެރިކަން ކުރާ ރަށަށް ނުގޮސް، މައި ސަރުކާރުގައި އާދޭސް ނުދަންނަވައި އެމީހަކު ދިރިއުޅޭ ރަށަކުން ދުވަހުން ދުވަހަށް ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށް އަޅުގަނޑުމެން ވައުދުވިން،" އެމްޑީޕީގެ ގިނަ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފަށަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ 2010 ވަނަ އަހަރު ލާމަރުކަޒީ ގާނޫނު ފާސްވެގެން އައި އިރު، އެމްޑީޕީން ގާނޫނުގައި ހިމަނަން ވައުދުވި ގިނަ ކަންކަން ހުރީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށެވެ.

ލާމަރުކަޒީ ގާނޫނު ފާސްކުރި އިރު އެމްޑީޕީ ވެރިކަމެއް އޮތަސް، މަޖިލިހުގެ މެޖޯރިޓީ އޮތީ އިދިކޮޅު ފަރާތްތަކަށެވެ.

އެހެންވެ، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ފާސްވެގެން އައީ އެމްޑީޕީން ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ. އެހާ ހިސާބުން ގާނޫނުގައި ކައުންސިލްތަކަށް ލިބެންވާ ބާރުތައް ދިނުމަށް އެމްޑީޕީ ސަރުކާރުން މަސައްކަތް ފެށި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އައި ބައެއް މަސައްކަތްތައް ކައުންސިލްތަކަށް ބަދަލުކޮށް، ކައުންސިލްތަކުން ބައެއް ހިދުމަތްތައް ރައްޔިތުންނަށް ދޭން ފެށި އެވެ. ވޭތުވެދިޔަ އަށް އަހަރެއްހާ ދުވަހުގެ ތެރޭގައި މި ނިޒާމުގެ ތަފާތު ތަޖުރިބާތައް ކުރެވުނު އިރު، ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައި ހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް އެހެން ކައުންސިލްތަކުން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ފެށުމަށް ހުޅުމާލެ ހުރަވީ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރަށް ފަހު ދެން އައި ސަރުކާރުތަކުން އެ އުންމީދީ ދަތުރު ނިމުމަކަށް ގެނެސް، މަސައްކަތްކޮށްފައި ވަނީ ކުރީގައި އޮތް މަރުކަޒީ ނިޒާމަށް އަނބުރާލާށެވެ. އެކަމަކު ލާމަރުކަޒީ ނިޒާމުގައި ހަގީގީ ކުލަ ޖެއްސުމަށް މެނިފެސްޓޯ އާއި އެޖެންޑާ 19 ގައި އަލުން ހިމެނީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިދެންނެވި ސިޔާސަތުތައް ބަލައިގެން ދިވެހި ރައްޔިތުން މިއަދު ވަނީ ބޮޑު އަޣުލަބިއްޔަތެއް [އެމްޑީޕީ] އަށް ދީފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކޮށްފައި އޮތް ބޮޑު ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ މާނަވީ ގޮތެއްގައި ލާމަރުކަޒީ ކުރެވިގެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރެވެން އަންނަނީ ވެސް ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރެވި، ވަޒީފާތައް އުފެދި، ރަށްތަކުގެ ފުދުންތެރިކަން އިތުރު ކުރެވިގެންނެވެ. މި ހުރިހާ ކަމެއް ކުރެވޭނީ ޒަމާނުއްސުރެ މާލެ އަށް ޖަމާވެފައިވާ ބާރުތައް ދޫކޮށްލެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.