މައުމޫން، ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނާ މައްސަލަ ޕޮލިހަށް

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް އަނބުރާ ހަވާލުކޮށްފައި ނުވާތީ އެ މައްސަލަ ބަލައި ދިނުމަށް އެދި ޖާބިރު ފުލުހުންގެ އިދާރާ އަށް މިއަދު ހުށަހަޅައިފި އެވެ.


ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި ވަނީ މައުމޫން މަކަރާއި ހީލަތުން އޭނާގެ އަތުން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ނުލިބޭ ކަމަށް ވިދާޅުވެ، އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެހެންވެ، މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރައްވައި، މި މައްސަލައިގައި ފުރިހަމަ ތަހުގީގެއް އަވަސް މުއްދަތެއްގައި ކުރެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޖާބިރުގެ ސިޓީގައި ވަނީ އޭނާ އަށް ލިބެން ޖެހޭ ހައްގު ލިބޭނެ ގޮތް ހަމަޖައްސައި ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ތަހުގީގު ކުރިއަށްދާ މިންވަރަކުން ހެކި ހުށަހަޅަމުން ދާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.

ޖާބިރު ކުރިން "މިހާރު" އަށް ވިދާޅުވި ގޮތުގައި 29 މިލިއަން ރުފިޔާ މައުމޫނަށް ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށެވެ. އަދި ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް 29 މިލިއަން ރުފިޔާގެ އެ ވާހަކަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ދޮގުކޮށްފަ އެވެ. އެމްއާރުއެމުން ބުނި ގޮތުގައި، ޖާބިރު އެއްވެސް ފައިސާއެއް، މައުމޫނަށް އަދި އެމްއާރުއެމްގެ ޓީމުގެ މީހަކަށް ވެސް ދެއްވާފައެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖްކުރައްވާފައި ކަމަށެވެ. އެ ފައިސާ ނުދައްކަވައިފި ނަމަ، ކިނބިގަސްދޮށުގެއާ ހަވާލުވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ފައިސާ ބޭނުންކޮށްގެން މައުމޫން ކުރެއްވި ހަމައެކަނި ކަމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ކުރިއެރުވުމެވެ. ޖާބިރު ގާތު ދެއްކެވި ވާހަކަތަކަށް އެއްގޮތަކަށް ވެސް އިހުތިރާމެއް ނުކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.