ޔާމީންގެ މަޝްރޫއުތައް އަލުން ހުޅުވުން ނޫން ކަމެއް ނުކުރޭ: ސައީދު

ކުރިއަށް އޮތް ފަސް އަހަރު މި ސަރުކާރުން އަލަށް ފަށާނެ މަޝްރޫއެއް ނެތް ކަމަށާއި މިހާރު ވެސް ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މަޝްރޫއުތައް ދެ ވަނަ ފަހަރަށް ހުޅުވާ މަންޒަރު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރަށް ފާޑުކިޔައި، "ދަވާލައިފި" ނަމުގައި އަންނަ މަހުގެ 12 ގައި، އެއްވުމެއް ބާއްވަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އަންނަނީ ތައްޔާރުވަމުންނެވެ.

މި އެއްވުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު ވަނީ މި ސަރުކާރުގެ ހިންގުންތެރި ކަމެއް، ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ވިސްނުންތަކެއް ނެތް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މި ސަރުކާރު ވައުދުތައް ނުފުއްދައިގެން ސުވާލުކުރުމުން ދިފާއުވަނީ ޔާމީންގެ ސަރުކާރުން ހިންގި ކޮންމެވެސް މަޝްރޫއެއްގެ ވާހަކަ އިން ކަމަށް ވިދާޅުވި އެވެ.

މިސާލެއް ދައްކަވަމުން ވިދާޅުވީ ސްޓިކާ ޖަހަނީ ޕާކުކުރާނެ ތަންތަން ދައްކައިގެންތޯ މި ސަރުކާރުގެ ވަޒީރަކާ ސުވާލުކުރުމުން އެއާޕޯޓުގައި ވެސް ޕާކުކުރެވޭނެ ނިޒާމް ގާއިމްކޮށްފައިވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެކަމަކު އެއާޕޯޓުގައި ޕާކުރެވޭނެ އިންތިޒާމް ހަމަޖެއްސީ ޔާމީންގެ ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

"ދެ ވަނަ ރަންވޭގައި އަނެއްކާވެސް އާ ބޯޓެއް ޖައްސާފައި މި ހުޅުވަނީއޭ ބުނާތަން ދެން ފެނިދާނެ. އެއީ ރައީސް ޔާމީން ކުރެއްވި ކަމެއް. އާ ސީ ޕްލޭން ޓާމިނަލް އަކީ ވެސް ރައީސް ޔާމީން ކުރެއްވި ކަމެއް،" ސައީދު ވިދާޅުވި އެވެ.

"މި ގައުމުގައި ކުރިއަށް އޮތް ފަސް އަހަރު ފާށާކަށް ނޯންނާނެ، ޔާމީން ފައްޓަވާފައި ނެތް ޕްރޮޖެކްޓެއް."

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ސައީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ސައީދު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލަކަށް އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން ނުކުރިގެން މި ސަރުކާރުން އުޅެނީ އެތަނުގެ ފެންވަރު މަތިކަމުންނެވެ. އެތަނުގެ އަގު ބޮޑުތޯ ނުވަތަ ކުޑަތޯ ބަހުސްކުރެވިދާނެ ކަމަށާއި އެކަމަކު ލަދުވެތިކަމަކަށް ވާނެތީ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ނުހުޅުވުން ބަލައިނުގަނެވޭ ކަމަށް ސައީދު ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އަގު ބޮޑު ވާހަކަ ދައްކާ އިރު އެތަން އިމާރާތް ކުރަން ހަވާލުކުރީ ފެންވަރު ދަށް ކުންފުންޏަކާ ނޫން ކަމަށާއި އެކަން ކުރީ ދުނިޔޭގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ ކުންފުންޏަކުން ކަމަށް ވިދާޅުވި އެވެ.

ސައީދުގެ ވާހަކައިގައި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ފާޑުވިދާޅުވި އެވެ. ޚާރިޖީ ސިޔާސަތުގައި އިންޑިއާ އަށް އިސްކަންދީގެން މި ސަރުކާރުން ހަދަން އުޅުނު މުއާހަދާއާ މެދު ހިތްހަމަޖެހިވަޑައިގެން އެއީ ގައުމުގެ މިނިވަންކަން ގެއްލުވާލުން ކަމަށް ފާޑުވިދާޅުވުމަށް ފަހު މިހާރު ފެންނަނީ ހުރިހާ ކަމެއް ރަނގަޅު ވެގެން އުޅޭ މަންޒަރު ކަމަށް ސައީދު ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާ އިން ބޮޑެތި ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދެމުން އަންނަ ދަނޑިވަޅެއްގައި މި ސަރުކާރު ރަނގަޅު ވުމުން ވެސް ސުވާލު އުފެދޭ ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ބަދަލު ދިނުމުގެ ގޮތުގައި ބައެއް ލީޑަރުން ސިފަކުރައްވާ ނަމަ އެއީ ހިތާމަވެރި ކަމެކެވެ.

"ހައްގުތައް ރައްކާތެރިކޮށްދިނުމަކީ އަޅުގަނޑުމެން އަތުނުޖެހޭ މުއާހަދާތަކުގައި ސޮއިކޮށްގެން ދިވެހިރާއްޖޭގެ އިސްތިގުލާލާއި ސިޔާދަތާއި މިނިވަންކަން ގެއްލި، އެއީ ވެސް ހައްގެއް ކަށަވަރު ކުރެވުން ކަމަށް ގަބޫލުކުރާ ނަމަ މިފަދަ ޕާޓީތަކާ މެދު ސުވާލު އުފެދޭ،" ސައީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް ސުޖާއު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑުތަނުން މި ސަރުކާރު ބަލިކުރާނެ ކަމަށެވެ. އެންމެ ބޮޑަށް އިދިކޮޅުން ފާރަވެރިވާނީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން މަކަރު ހަދައި ވޯޓު އޮޅުވާލިޔަ ނުދޭން ކަމަށް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފްއަކީ މި ސަރުކާރުގެ ކުންފުންޏެއްގެ އެމްޑީއެއްގެ ގޮތަށް އެބަ ސިފަވޭ އަޅުގަނޑުމެންނަށް. ކޮންމެ ކަމަކާ ވެސް މީނަ އެބަ ބެހޭ މިހާރު. އެހެންވެ މީނަގެ ކިބައިން މިންޖުވެވެން އޮތް ހުރިހާ ފިޔަވަޅުތަކެއް އަޅާނަން، އެއީ ސިއްރިއްޔާތުގައި އަޅަން ޖެހޭ ފިޔަވަޅެއް ވިއްޔާ ސިއްރިއްޔާތުގައި،" ސުޖާއު ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީގެ އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން ކާނިވާ ސަރަހައްދުގައި ބޭއްވި ފުރަތަމަ ޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގެ ބަދަލުގައި އަންނަނީ އޮޅުވާލުމުންނެވެ. އެއާއެކު އަށް މަސް ތެރޭގައި ފެންނަނީ ސަރުކާރުގެ ނާގާބިލް ކަން ކަމަށް ވިދދާޅުވި އެވެ. އެކަން ފޮރުވުމަށް ދޮގު ހަދަމުންދާ ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގައި އިމާރާތް ކުރާ 7،000 ފްލެޓުގެ ތެރެއިން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަނޑައެޅި 1،000 ފްލެޓް އުނިކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތަށް އެކަން ކޮށްފި ނަމަ އެއީ ސިވިލް ސާވަންޓުންނަށް ދޭ ވަރަށް ބޮޑު ދެރައެއް ކަމަށް ވިދާޅުވި އެވެ.

"ރަސްމީ ގޮތުން ލިއުން ހަވާލުކޮށްފައިވާ 1،000 މުވައްޒަފުން އެބަތިބި. އެ މުވައްޒަފުންގެ ފްލެޓްތަކުން އެ ބޭފުޅުން މަހްރޫމްކުރަން މިހާރު ވަނީ ނިންމާފައި. އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ޕީޕީއެމް، ޕީއެންސީން ކުށްވެރި ކުރާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.