އަލަތު ކައިވެންޏާ އެކު ރަށްރަށުން ގޯތި ދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް

ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ރަށްރަށުން ގޯތި ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު މަޖިލިހަށް ގަރާރެއް ފޮނުއްވައިފި އެވެ.


ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ މަޖިލިހަށް ފޮނުއްވި ގަރާރުގައި ބުނެފައި ވަނީ ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށަށް ގޯތި ދޫނުކުރެވި އޮތުމުގެ ސަބަބުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހްރޫމްވެ، އެކަމުގެ ސަބަބުން ގިނަ އާއިލާތައް ބިކަވެ، ހާލުގައި ޖެހެމުންދާ ކަމަށެވެ.

އެހެންވެ، މިއީ ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ޖެހޭ މައްސަލައެއް ކަމަށް ގަރާރުގައިވެ އެވެ.

މަޖިލިހުގެ މާދަމާގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވާ ގަރާރުގައި ވަނީ ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަމަކީ ކޮންމެ ދިވެއްސަކަށް ލިބިގެންވާ އަސާސީ އަދި އިޖުތިމާއީ ހައްގަކަށްވީ ހިނދު، އަދި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގުފަހިކޮށްދީ އާއިލާތަކަށް ރައްކާތެރިކަން ހޯދައިދިނުމަކީ ގާނޫނުއަސާސީން ދައުލަތަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ، ދިރިއުޅުމަށް ނުކުންނަ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒެއް ކަން ގަރާރުގައި ފާހަގަ ކުރި އެވެ.

އެހެންވެ، އެ މީހުންނަށް ގޯތި ގެދޮރު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށްރަށުގެ ތެރެއިން ގޯތިދެވޭ ވަރުގެ ޖާގަ ހުރި ރަށްރަށުން އެފަދަ މީހުންނަށް ގޯތި ދޫކުރުން ލާޒިމް ކުރާ ބިލެއް ސަރުކާރުގެ ފަރާތުން އެކުލަވާލައި ދިވެހިންނަށް ހައްގުވާ ބޯހިޔާވަހިކަން ދާއިމީ ގޮތެއްގައި ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ގަރާރުގައިވެ އެވެ.

"މިކަމަކީ ވަރަށް ގިނަ ދިވެހި ރައްޔިތުންތަކަކަށް ދިމާވެފައިވާ މައްސަލައަކަށްވެފައި، ސަރުކާރުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން މިކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލިހުން ގޮވާލަމެވެ،" އަހުމަދު އަބްދުﷲ މަޖިލިހަށް ފޮނުއްވި ގަރާރު ނިންމާލަމުން ބުނެފައިވެ އެވެ.