އަދީބު ފިލި މައްސަލައިގައި ދައުވާ އުފުލައިފި

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގެއްގައި ރާއްޖެ އިން ފިއްލެވި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފި އެވެ.


ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އަދީބުގެ މައްޗަށް އުފުލީ، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި އަދީބު، މި މަހު ކުރީކޮޅު ކަނޑުމަގުން ފިއްލެވީ "ވާގޯ 9" ނަމަކަށް ކިޔާ، ސިންގަޕޫރުގެ ޓަގެއްގަ އެވެ. އެ ބޯޓުގައި އަދީބު ރާއްޖެ އިން ބޭރަށް ދަތުރު ކުރައްވަނިކޮށް ހިފެހެއްޓީ އިންޑިއާގެ ޓުޓިކޮރިން ބޭރުންނެވެ.

އަދީބު އެ ޓަގަށް އަރާ ވަޑައިގަތް ގޮތެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ. ބައެއް ބޭފުޅުން ލަފާ ކުރައްވާ ގޮތުގައި އަދީބު އަރާވަޑައިގަތީ ކަނޑުމަތިންނެވެ.

މި ޓަގުގައި އަދީބު ފިއްލެވި މައްސަލައިގައި ހައްޔަރުކޮށް، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ވަނީ ބަންދުކޮށްފަ އެވެ. އަދީބު ޓަގުގައި ފިއްލެވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އިއްވި ހުރިހާ ހުކުމްތަކަކުން މިނިވަންވެފައި ވަނިކޮށެވެ.

ފިއްލެވި މައްސަލައިގައި ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަދީބު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ފިއްލެވީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނަށް ކިޔައިދެއްވާ ވާހަކަތާ ގުޅުން ހުރި ނުފޫޒު ގަދަ ބައެއްގެ ބިރުދެއްކުންތަކާއި އިންޒާރުތަކާ ހެދި އެވެ. އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑަކުރި ގޮތާއި އެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތަފްސީލް އަދީބު ގެންދަވަނީ ތަހުގީގަށް ކިޔައި ދެއްވަމުންނެވެ.