ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް އުފައްދައިފި

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް މިއަދު އުފައްދައިފި އެވެ.


ރައީސް އޮފީހުން ބުނީ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކޮށް، އެ ތަނަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް އުފެއްދެވީ، ހައްޖާއި އުމްރާއަށްދާ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެ ދިނުމަށް ކަމަށެވެ.

މީގެއިތުރުން ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި، އެ ތަނުގައި ދިރިއުޅޭ ދިވެހިންނަށާއި، އެ ތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި ކޮންސިއުލޭޓްގެ ބޭނުން ހިފާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސައުދީގައި ރާއްޖޭގެ ކޮންސިއުލޭޓެއް އުފެއްދި އިރު، ސައުދީގެ އެމްބަސީއެއް މާލޭގައި ހުރެ އެވެ.