ބްރޯޑްކޮމް އަށް ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި ޝިފްލާ އާއި ހިލްމީ

ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތީ 36 މީހެއްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ފޮނުއްވައިފި އެވެ. އެމަނިކުފާނު އިސްކަން ދެއްވި ތަރުތީބުން ނަންތައް ހިމަނުއްވައި ކޮމިޓީ އަށް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމާއި ގ. ޑޭޒީފަހި، މުހައްމަދު ހިލްމީގެ ނަމެވެ.


ބްރޯޑްކޮމް އިން އިސްތިއުފާ ދެއްވީ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހެވެ. ސޮފްވާނާއި ނަބާހުގެ އިތުރުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތުމަތު ޒައިނާ ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޮތީ ނިންމައިފަ އެވެ. މަޖިލިހުގެ ތަޅުމަށް އެ ރިޕޯޓު ފޮނުވި ނަމަވެސް، މިހާތަނަށް އައިއިރު، އެ މައްސަލަ އެޖެންޑާއެއް ނުކުރެ އެވެ.

މެމްބަރުކަމަށް ކުރިމަތިލި އެންމެންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވި އެވެ. މަޖިލިހަށް ފޮނުއްވި ސިޓީގައި ރައީސް އެދިވަޑައިގަތީ ނަންތައް ދިރާސާ ކުރުމަށް ފަހު، ކޮމިޝަނަށް މެމްބަރަކު އައްޔަންކޮށް ދެއްވުމަށެވެ. އެކަމަކު، ރައީސްގެ ސިޓީފުޅުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ތަރުތީބެއް ހިމަނުއްވާފައިވެ އެވެ.

ސަންގު ޓީވީގައި މަސައްކަތް ކުރައްވާ ޝިފްލާގެ އިތުރުން ހިލްމީގެ ނަން ލިސްޓުގެ ކުރީގައި އޮތް އިރު، ބްރޯޑްކޮމް އަށް ދެން ކުރިމަތިލީ މީހުންގެ ތެރޭގައި މީޑިއާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ނޫސްވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖެ ޓީވީގައި ކުރިން މަސައްކަތް ކުރި އަލީ ޔޫސުފާއި އެ ޓީވީގައި ކުރިން އުޅުނު އަހުމަދު ފައިރޫޒް ހިމެނެ އެވެ. އަދި ޓީވީއެމްގައި ކުރިން މަސައްކަތް ކުރި އައިޝަތު ލީޒާ އާއި އެހެން ބައެއް ނޫސްވެރިން ވެސް ބްރޯޑްކޮމް އަށް ކުރިމަތިލި އެވެ.

ރައީސް އިސްކަން ދެއްވި ތަރުތީބު:

1- ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ

2- މުހައްމަދު ހިލްމީ، ގ. ޑޭޒީފަހި

3- އަހުމަދު ގައިސް، ސަނީޑިއަލް، ގދ. ތިނަދޫ

4- އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު

5- އާމިލާ އާދަމް، މއ. އަޅިފެހި

6- އަހުމަދު ފައިރޫޒް، މއ. ރަސްއައިނު

7- ޖައުފަރު ރަޝީދު، ފަތަހްމާގެ ފ. ދަރަނބޫދޫ

8- އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ

9- ސައުދާ ސަލީމް، ރަބީއުމަންޒިލް، ހއ. ހޯރަފުށި

10- ނަފީޒް މުހައްމަދު، ދަފްތަރު ނަންބަރު 14596

11- އަބްދުލްލަތީފް އަހުމަދު، ދަފްތަރު ނަންބަރު 2345

12- ޔުސްރާ އަހުމަދު، ޖަނބުރޯޒުގެ، ގދ. މަޑަވެލި

13- އިބްރާހިމް އަޝްރަފް، ވ.މަށިވެލި

14- އަބްދުﷲ ރައްޔާން، ވައްތީނިގެ ހދ. ކުޅުދުއްފުށި

15- އައިޝަތު ލީޒާ، ލޯރަލްލާގެ، ނ. ވެލިދޫ

16- އަހުމަދު ޔަމާން މުސްތާގް، މ. ބިއުޓީން ހައުސް

17- މޫސާ ރިލްވާން، މ. ހާވިލާ

18- އިބްރާހިމް ޝަރީފް، ގ.އަލިޝާ

19- މޫމިނާ އާދަމް، ގ. ހާފްސީ

20- އަލީ ސަމްއާން، ދަފްތަރު ނަންބަރު 5312

21- އަހުމަދު މައުރޫފް، ނިއުލައިޓް، ލ. ކަލައިދޫ

22- އައިޝަތު ހުސެއިން މަނިކު، ހ. ރީނދޫކޮކާގެ

23- ފާތިނާ ގާސިމް، ދަފްތަރު ނަންބަރު 4055

24- މުހައްމަދު ޝަމްއޫން، މ. އަސަލް

25- ހިދާޔަތުﷲ، އޯޝަންރީޑް، ގދ. ތިނަދޫ

26- އައިޝަތު ތަޝްކީލް، މ. ކަނޑުބަލާގެ

27- އިސްމާއިލް ސާޖިދު، މއ. ވިލާރޮދި

28- މުހައްމަދު ސަނޫން، ނައިޓްވިލާ، ބ. ފެހެންދޫ

29- އަލީ ސައީދު، ބޭބީހައުސް، ޅ. ނައިފަރު

30- މުހައްމަދު ސައުޒަމް، ކީސްވިލާ، ރ. އިނގުރައިދޫ

31- އިބްރާހިމް ހަމްޒާ ހަލީލް، ގ. ސުރުމުތި

32- މުހައްމަދު އިބްރާހިމް މަނިކު، ކުޅިފަސް، ތ. ތިމަރަފުށި

33- މަރިޔަމް ސާދާ، ނަޝޭމަން، ރ. އުނގޫފާރު

34- އާފިޔާ އަބްދުލްއަޒީފް، ދަފްތަރު ނަންބަރު 8846

35- އިބްރާހިމް ނަޝީދު، މ. އިރުވައިގެ

36- މުހައްމަދު ފަރުހާދު، ހަސަންކާރިގެ، ސ. މީދޫ

ބްރޯޑްކޮމްގައި މިހާރު ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ޝަހީބާއި ޒައިނާގެ އިތުރުން މެމްބަރު ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ.

ކުރީގެ ސަރުކާރުގެ ނުފޫޒާ އެކު ވަކިވަކި ޗެނަލްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގައި އިސްކޮށް އުޅުއްކަމަށް ތުހުމަތު ކުރެވިފައިވާ ކޮމިޝަނުން ބައެއް މައްސަލަތައް ކޮމިޝަނުން ނިންމީ އިންސާފުން ނޫން ކަމަށް މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރި އެވެ. އަދި ސަންގު ޓީވީ އާއި ވީޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ އަބުރުގެ ގާނޫނު އުވާލެއްވުމެވެ.