މަރަދޫގައި އަނިޔާކުރި މީހާ ފަރުވާ އަށް މާލެ ފޮނުވާލަނީ

ވައްކަންކުރި ކަމަށް ބުނާ މައްސަލައެއްގައި އައްޑޫ މަރަދޫން ބަޔަކު އަނިޔާކުރި ކަމަށް ބެލެވޭ މީހާ އިތުރު ފަރުވާ އަށް މާލެ ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޝަރަފުއްސާދާތު (ސާތު) ވިދާޅުވީ އިއްޔެ ހަވީރު ހޮސްޕިޓަލަށް ގެންދިޔަ ފިރިހެން މީހާ މާލެ ފުރުވާލަން އާސަންދަ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މޯލްޑިވިއަން އިން ޖާގައެއް ހަމަޖެހުނުހާ އަވަހަކަށް ފުރުވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާތު ވިދާޅުވި ގޮތުގައި އެ މީހާގެ ހާލު ގޯހެއް ނޫނެވެ. ސީރިއަސް އެއްވެސް އަނިޔާއެއް ނުލިބެ އެވެ.

"އޭނަގެ ހެޑް އިންޖަރީއަކާ ގުޅިގެން ސްކޭންތަކެއް ހަދަން މާލެ ގެންދަން ޑޮކްޓަރު ލަފާ ދެއްވީ،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ގއ. ނިލަންދު އަށް ނިސްބަތްބާ އުމުރުން 39 އަހަރުގެ މީހާ އަށް ބަޔަކު އަނިޔާކުރީ އޭނާ މަރަދޫ ގެއެއްގެ ބަނބުކެޔޮ ގަހަކުން ވަގަށް ބަނބުކެޔޮ ކަނޑަން އުޅެނިކޮށް ފެނިގެންނެވެ.

އޭނާ ފެނުނީ އެ ރަށު ފުއްޓަރު ފަރާތު ވަލުތެރެއިން އިއްޔެ ހަވީރު 3:30 ގަ އެވެ.

ފުލުހުން މި ހާދިސާ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ވެސް ނުކުރެ އެވެ.