ލޯކަލް ކައުންސިލް އިންތިހާބު އަންނަ ޖެނުއަރީ 14ގައި ބާއްވަން ނިންމައިފި

ކައުންސިލް އިންތިހާބު އަންނަ ޖެނުއަރީ 14ގައި ބޭއްވުމަށް ނިންމައިފި އެވެ.


ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނި ގޮތުގައި އަންނަ މަހުގެ 26ގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެ އެވެ. މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ އުމުރު ފެބްރުއަރީ 26ގައި ހަމަވާނެ އެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އިންތިހާބުކުރަން ޖެހޭ ކައުންސިލަރުންގެ އަދަދު 655 އަށް މަދުވާނެ އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބޭ މެމްބަރުންގެ އަދަދަކީ 1077 އެވެ. އެހެންކަމުން އެއީ 422 ކައުންސިލަރުން މަދުވުމެވެ.

ރަށު ކައުންސިލަރުންގެ ގޮތުގައި މިހާރު ތިބީ 945 މީހުންނެވެ. އެކަމަކު އާ ގާނޫނުގެ ދަށުން އެ އަދަދު 585 އަށް ކުޑަވާނެ އެވެ. އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މިހާރު 132 އަށް އަރާއިރު ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން މެމްބަރުންގެ އަދަދު 70 އަށް ކުޑަވާނެ އެވެ.

ރަށު ކައުންސިލަރުންގެ މުސާރައަށް މިހާރު 11 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާއިރު، ކައުންސިލަރުންގެ އަދަދު މަދުވުމާ ގުޅިގެން ދެން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ހަރަދު ކުރަން ޖެހޭނީ 7.3 މިލިޔަން ރުފިޔާ އެވެ. އަތޮޅު ކައުންސިލްތަކުގެ މެމްބަރުންނަށް މިހާރު މުސާރަ އަށް 2.7 މިލިޔަން ރުފިޔާ ހަރަދުވާއިރު، އާ ގާނޫނާއެކު މުސާރައިގެ ގޮތުގައި ހަރަދުވާނީ 1.5 މިލިޔަން ރުފިޔާ އެވެ. މިއީ ދެ ގުނަ ދަށްވުމެކެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި 3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުންނެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްގައި ދެ އިންތިހާބީ ދާއިރާ ހިމެނޭ ނަމަ އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި ދެ އިންތިހާބީ ދާއިރާއަށް ވުރެ ގިނަ ނަމަ އިންތިހާބު ކުރަން ޖެހޭނީ ކޮންމެ ދާއިރާއަކުން އެއް ކައުންސިލަރެވެ.