އެންސްޕާ ހިންގުން ޖެންޑާގެ ދަށަށް ބަދަލުކުރާ އިސްލާހު ތަސްދީގު ކުރައްވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.


އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން އެންސްޕާ ހިންގަން ޖެހެނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ. އެންސްޕާ ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ފަރާތުންނެވެ.

މިދިޔަ ހަފުތާގައި މަޖިލީހުން ފާސްކުރި އެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، އެންސްޕާ ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުވެގެންދާނެ އެވެ.

އެންސްޕާއަކީ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ހިންގައި، ބަލަހައްޓާ އިދާރާ އެވެ.