ހަމަނުޖެހުންތައް އުފައްދައިގެން އެއްވެސް ތަނަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށާއި ރާއްޖޭގެ "އޮއިވަރު ހިނގާ ގޮތާ މެދު" ވިސްނަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އޭ ލެވެލް ގަދަ 10 އިއުލާން ކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން ރައީސް ވިދާޅުވީ "ރާއްޖޭގައި ވެސް ހަމަޖެހުން ދެމި އޮންނާނީ ހަމަޖެހުން ދަމަހައްޓައިގެން" ކަމަށެވެ.
"އެއްވެސް ތަނަކަށް ހަމަޖެހުމެއް ނާންނާނެ، ހަމަނުޖެހުމުގެ ތެރެއަކުން. އެއީ ގޯސް ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.
މިހާރު ހޭލަންވީ ޒިންމާ އުފުލާ ދުނިޔެ އަށް. މިހާރު ހޭލަންވީ މަސައްކަތް ކުރަން. މިހާރު ހޭލަންވީ އެހެން މީހުންނަށް އެހީތެރިވާން. މިހާރު ހޭލަންވީ ގައުމު ގޮވާ ކަންކަމަށް އިޖާބަދޭން، ގައުމީ ހިދުމަތަށް. --ރައީސް
ރާއްޖެ އަކީ، ރައީސް ވިދާޅުވި ގޮތުގައި، ހަމައެކަނި ބޭރު މީހުންގެ "ސުވަރުގެއެއް" ނޫނެވެ. މިއީ، ދިވެހިންގެ އަމާން، ރީތި ގައުމު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަތީ ތައުލީމް ނިންމާފައި ނުކުންނަ ކުދިން "ރާއްޖޭގައި ހިނގާ އޮއިވަރާ ދޭތެރޭގައި ވިސްނަން ޖެހޭ" ކަމަށެވެ. އެ އޮއިވަރަށް ބަދަލެއް ގެނައުމުގެ މަގްބޫލްކަމާއި ގާބިލްކަން ދަރިވަރުންގެ ކިބައިގައި ހުރުމުން ކަންކަން ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ދައްކަނީ އެއްގޮތަކަށް ވެސް ސިޔާސީ ވާހަކައެއް ނޫން. އަހަރެމެންގެ ހާލަތު ބަދަލުކުރުމުގެ ވާހަކަ ދައްކަންޏާ، ރާއްޖޭގައި ހިނގާ އޮއިވަރަށް ބަލާ ކަމަށް ވަންޏާ އެންމެ ގިނަ ކުދިން ޝިކާރަވެގެން ދަނީ މަސްތުވާތަކެތީގައި ކަމަށް ވަންޏާ ތި ކުދިންނަކީ ފުރަތަމަ ކަމަކަށް، މަސްތުވާތަކެއްޗާ ދުރުގައި ތިބޭ ކުދިންނަށް ވާންޖެހޭ،" ރައީސް ވިދާޅުވި އެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި މަސްތުވާތަކެއްޗަށް ނޫނެކޭ ބުނެ، ތިން ވަނަ ކަމެއްގެ ގޮތުގައި އެކަން ހުއްޓުވަން އަމަލީ ގޮތުން އެހީތެރިވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހަމަޖެހުން ގާއިމްވެފައި އޮންނަ ކަންކަމާއި ހަމަޖެހުން ނަގައިލެވޭ ކަންކަން ވެސް ދަރިވަރުންގެ ހިޔާލުގައި ބާއްވަން ޖެހެ އެވެ. ދައުލަތަށް ދަތިކަން އިހްސާސްކުރެވޭ ކަންކަމުގައި ވެސް އެހީތެރިވެދޭން، ތައުލީމް ނިންމާ ދަރިވަރުންގެ ދައުރެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
މަތީ ސާނަވީ ނިންމުމަކީ އާ ޒިންމާތަކެއްގެ ފެށުން ކަން ފާހަގަކުރައްވައި އާ އަޒުމްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. މަތީ ތައުލީމް ނިންމާ ދަރިވަރުންނަށް ދެން އޮތް މަރުހަލާ އަކީ ވަޒީފާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެ އަކީ ވަޒީފާ އުފައްދަން ޖެހޭ ތަނެއް ކަން އެންމެން ގަބޫލުކުރާ ކަމަށެވެ.
މި ސަރުކާރަކީ ވަޒީފާ ޔަގީން ކޮށްދޭނެ ސަރުކާރެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި، ވަޒީފާގެ އާ ޒިންމާތަކާ ހަވާލުވާން ބޭނުންވެފައި ތިބި ދަރިވަރުންނަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައި އޭގެ އެއް މިސާލަކީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުކަން ފާހަގަކުރެއްވި އެވެ.
އެ މަޝްރޫއާ އެކު އެތަނުގައި ވެސް ވަޒީފާގެ ފުރުސަތު އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު ހޭލަންވީ ޒިންމާ އުފުލާ ދުނިޔެ އަށް. މިހާރު ހޭލަންވީ މަސައްކަތް ކުރަން. މިހާރު ހޭލަންވީ އެހެން މީހުންނަށް އެހީތެރިވާން. މިހާރު ހޭލަންވީ ގައުމު ގޮވާ ކަންކަމަށް އިޖާބަދޭން، ގައުމީ ހިދުމަތަށް. މިހާރު ހޭލަންވީ އާމްދަނީ ހޯދައިގެން ޒަވާޖީ ހަޔާތެއް ފަށަން ބޭނުން ވަންޏާ، ޒަވާޖީ ހަޔާތް ފެށުމާއެކު ދަރިން ތަރުބިއްޔަތު ކުރުމަށް. އެ އޭޖުގައި ތި ތިބީ،" ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ރައީސް ވިދާޅުވި އެވެ.