ޖޭއެސްސީއިން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ބައިވެރިވި ބައެއް ސުޕްރީމްކޯޓުގެ ފަނޑިޔާރުން -- އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ފަނޑިޔާރުކަމަށް ކުރިމަތިލެވޭނެ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
01 ސެޕްޓެމްބަރ 2019 - 13:54
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިތުރުކޮށްފި އެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާން މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލީ މިއަދު މުއްދަތު ހަމަވާ ގޮތަށެވެ. ނަމަވެސް އެ ކޮމިޝަނުން މިހާރު ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމަ އަށް މުއްދަތު އިތުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ ސުލޫކީ މައްސަލައެއްގައި މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ އުމުރުން 30 އަހަރު ވެފައިވާ މީހުންނަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހޮވާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ.
ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 70،000ރ. ލިބޭނެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލިއިރު އެ ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އާ ދެ ބޭފުޅަކު އައްޔަންކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަރެސް
01 September 2019
އެކަކު ވެސް ކުރިމަތި ލާކަށް ނުފެނެއެވެ. އެ އުޅެނީ އެހެން މީހުންގެ ހުރިވަރެއް ބަލާށެވެ.މަޤާމަށް ޢައްޔަން ކުރާ މީހާ މިހާރު ވާނީ ކަނޑައެޅިފައެވެ.
ދޭސީ
01 September 2019
ހޮވާނެ ދެމީހުން ނިންމާފަ އޮވެމެ އަލުން ވަގުތު އިތުރު ކުރުމަކީ ވަގުތު ބޭކާރު ކުރުން.