ޖިއާން: އޭނާ މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރާ މައްސަލާގެ މިއަދުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައި
01 ސެޕްޓެމްބަރ 2019 - 15:59
މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރާ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކޮށްފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގަލްދޭޝްގެ ހަތް އަހަރުގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލާގައި ދައުލަތުން ވަނީ އިންޑިއާގެ ހަތަރު މީހަކާއި ދެ ދިވެއްސެއްގެ މައްޗަށް ދައުވާކޮށްފަ އެވެ.
މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އެއް ބިދޭސީއެއްގެ މައްޗަށް ކުރާއިރު ދެވަނަ މީހާގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. ދެން ތިބި ދެ ބިދޭސީންނަށް ކުރަނީ ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި، ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ދައުވާ އެވެ. ދެ ދިވެހިންގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.
އެ މައްސަލާގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ހަމަޖައްސާފައި އޮތުމަށް ފަހު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. ކުރީގެ އަޑުއެހުންތަކުގައި ގިނަ ހެކިންތަކެއްގެ ހެކިބަސް އޮތީ ނަގައިފަ އެވެ.
ޖިއާން މަރުވި ހާދިސާއަށް ފަހު އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތީ ކަންކަމާ މެދު ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. އެހެންވެ، އޭގެފަހުން އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރަން ގިނަ ފިޔަވަޅުތަކެއް އެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy