ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައިފި

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.


ކެފޭ ރެސްޓޯރެންޓް އަދި ފިހާރަތައް 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދިނުމުގެ އުސޫލުގެ ދަށުން އެ ހުއްދަ ދޫކުރަނީ އިކޮނޮމިކް މިނިސްޓްރީން ޝަރުތުތަކެއް ފުރިހަމަވާ ނަމަ އަދި އެ މިނިސްޓްރީން ކަނޑައަޅާ ސަރަހައްދުތަކެއްގައި އެކަންޏެވެ. އެގޮތުން މާލޭގައި 24 ގަޑިއިރުގެ ޚިދުމަތް ދެވޭނެ ސަރަހައްދުތައް ކަނޑައަޅައި، ކުރިން އޮތީ އިއުލާންކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނީ ނިރޮޅުމަގާއި ހުވަނދުމާ ހިނގުމުގެ އިތުރުން ފަށުއިމާ ހިނގުމުން ފެރީ ޓާމިނަލް ސަރަހައްދުގައި ކަމަށެވެ. އެ ސަރަހައްދުތަކުގައި ވެސް އެ ހުއްދަ ދެވޭނީ ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ބެލުމަށް ފަހު ކަމަށް އެ އިއުލާނުގައިވެ އެވެ.

ނިރޮޅު މަގަކީ ހުޅުމާލޭގެ އެންމެ ބޮޑު މަގެވެ. ސިނަމާލެ ބްރިޖާ ގުޅިފައި އޮންނަ ހައިވޭ އަށް އަރަން ދެވޭނީ އެ މަގުންނެވެ. ހުވަނދުމާ ހިނގަމަކީ، ހުޅުމާލޭ ހޮސްޕިޓަލް ހުންނަ މަގެވެ. އެއީ މިހާރު ވެސް ގިނަ ފިހާރަތަކެއް ހިންގާ ހިސާބެކެވެ. ފަށުއިމާ ހިނގުމަކީ، މިހާރުގެ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދެވެ. އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓް ހުންނަނީ މި ސަރަހައްދުގަ އެވެ.

ކެފޭ ރެސްޓޯރެންޓާއި ފިހާރަތައް 24 ގަޑިއިރު ޚިދުމަތް ދިނުމުގެ އުސޫލު އޮންނަ ގޮތުން 24 ގަޑިއިރުގެ ޚިދުމަތް ދެވޭނެ ސަރަހައްދުތައް ކަނޑައަޅާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލްގެ މަޝްވަރާގެ މަތިންނެވެ.