ސްރީލަންކާގެ ކޮލަމްބޯގެ މަގެއް: ލަންކާއަށް ދާ ދިވެހިންނަށް 90 ދުވަހުގެ ވިސާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން ދެ ގައުމުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
01 ސެޕްޓެމްބަރ 2019 - 19:05
ސްރީ ލަންކާ އަށް ދާ ދިވެހިންނަށް އަދި ރާއްޖެ އަންނަ ސްރީ ލަންކާ މީހުންނަސް 90 ދުވަހުގެ އޮން އެރަވައިލް ވިސާ ދިނުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފި އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ލަންކާގައި ދިވެހިންނަށް މިހާރު ދެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެކެވެ.
ސްރީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރާނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މާދަމާ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ލަންކާގައި ތިބެގެން ކިޔަވާ ދަރިވަރުންނަށް ވެސް ވިސާ ދިނުމާ އުސޫލުތައް އެ އެއްބަސްވުމުގައި ހިމެނޭ ކަމަށް އެ ނޫސްތަކުގައިވެ އެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރަން ލަންކާގެ ވަޒީރުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އެއްބަސްވުން އޮތްގޮތުން 90 ދުވަހުގެ ވިސާ ދިނަސް، ބައެއް ހާލަތްތަކުގައި ބައެއް މީހުން އެތެރެވުން މަނާ ކުރުމުގެ ބާރު ދެ ގައުމަށް ވެސް އޮންނާނެ ކަމަށް އެ ނޫސްތަކުގައިވެ އެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ހާލަތެއްގައި އެ އެއްބަސްވުމަށް އަމަލުކުރުން ވަގުތީކޮށް ނުވަތަ ދާއިމީކޮށް ވެސް ހުއްޓާލުމުގެ ބާރު ދެ ގައުމަށް ވެސް އޮންނާނެ އެވެ. މިގޮތަށް ވިސާ ދޭނީ ވިސާގެ މުއްދަތުގައި ޕާސްޕޯޓްގެ މުއްދަތު ހަމަނުވާ އަދި އެ މުއްދަތުގައި އެ ގައުމެއްގައި ހުރުމަށް ބޭނުންވާ ފައިސާ އެ މީހެއްގެ އަތުގައި ހުރި ނަމަ އެވެ.
މީގެ އިތުރުން، ވިސާ ދިނުމުގެ އެއްބަސްވުމަށް އަމަލުކުރުން ވަގުތީ ގޮތުން ނުވަތަ ދާއިމީކޮށް ހުއްޓާލާ ނަމަ، އެކަން އަނެއް ގައުމަކަށް އަންގަން ޖެހޭނެ ކަމަށްވެ އެވެ. ނޫސްތަކުގައި ބުނެފައިވަނީ، އެކަމަކު އެގޮތަށް އަމަލުކުރުން ހުއްޓާލިޔަސް، ވިސާ ލިބިފައި ތިބި ފަރާތްތަކުގެ ވިސާ އޮންނާނެ ކަމަށެވެ.
ލަންކާއަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކުރާއިރު، ގިނަ އަދަދެއްގެ ދިވެހިން މިހާރު ވެސް ލަންކާގައި ދިރިއުޅެ އެވެ. އެކި ބޭނުންތަކުގައި 30،000 އެއްހާ ދިވެހިން ލަންކާގައި ދިރިއުޅެ އެވެ. މި އެއްބަސްވުމާ ބެހޭ ގޮތުން ދެ ގައުމުން ވެސް އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަބޭ2019
02 September 2019
ތިޔަކަމަކުންއަދި ވަގަށްއުަޅޭމީހުންގެމައްސަލައަށް ހައްލެއްނުލިބޭ ހައްތަހާވާނީއިތުރު ގަބޫލުކުރެވެނީ ތިޔައީއެހެންއެގަންޖާއެއްކަމަށް
އައިޝާ
01 September 2019
ވިސާ ނުލިބިގެންތަ މިއުޅެނީ.. 90 ދުވަހުގެ ޗުއްޓީ އެއްނުން ބޭނުންމިވަނީ
ނަން
01 September 2019
ދެން ލަންކާ މީހުން ރިސޯޓްތަކުގައި މިއުޒިކު ކުޅެ ފޮޓޯ ނަގައި އައިޓީ މަސަކަތް ކުރާށެވެ. ތި އެގްރީމަންޓްގައި ސޮއި ކުރުމުގެ ކުރިން މިކަން ހައްލުވާނެ މެކޭނިޒަމް އެއް ހަދަބަލާށެވެ
ނެޑް
01 September 2019
ނަން ބުރޯއަށް ނޭނގެނީތަ ރިސޯޓަކަށް އަރާ މަސައްކަތް ކުރެވޭނީ ރިސޯޓުން އެކަން ކުރުވީމަކަން؟ މިއީ ބޭރުން އަންނަ މީހުންގެ މައްސަލައެއްތަ ނޫނީ ރިސޯޓުގެ މައްސަލައެއްތަ؟
ހުސައިން މުހައްމަދު
01 September 2019
މިހާރު ރެޒިޑެންޱް ވިސާއަށް އެޕްލައި ކުރާއިރު ލަންކާއިން ބޭނުންއެބަވޭ ހެލްތް ޗެކަޕްއެއް ހަދަން. އެއަށްވެސް 75 ޑޮލަރު ބޭނުންވޭ. ވިސާއަށް އެކަނިވެސް 115 ޑޮލަރުދޭ. މިކަން މިގޮތަށް ހަދަނީ ސީދާ ފޮރިން މީހުން އަތުން ފައިސާ ނަގާނެ ގޮތެއް ނޭނގިގެންތޯ؟ ފޮރިން މިނިސްޓްރީ މިކަމަށް ހައްލެއް ހޯދައިދީ!
ޙެހެހެޙެ
01 September 2019
ބަލަ ރާއްޖޭގަ މަސަކަތް ކުރަން އަންނަ މީހުންވެސް ވޯކް ވިސާ/ޕާރމިޓް ހަދާ އިރުވެސް ޖެހޭ މެޑިކަލް ހަދަން! ތި ދެވެނީ އެހެން ގައުމަކަށް! އެ ގައުމެއްގެ ޤާނޫނާއި ޤަވާއިދަށް އުޅެބަލަ ބޮޑާ ނަހާކާ! އެވަރު އަގު ބޮޑިއްޔާ ނުގޮސް ތިބޭ!
މުޖޫ
01 September 2019
ސާބަހޭ ރައީސް އިބޫ އަދި މިނިސްޓަރ ޝާހިދު