ޝުޖޫނާއި އަޒްމިރަލްދާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން މަޖިލިހުން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.


ދީނީ އިލްމުވެރިންގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވަނިކޮށް، އަޒްމިރަލްދާ އާއި ޝުޖޫނަށް ރުހުން ދިނުމަށް މަޖިލިހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއް ބޭފުޅަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ސުޕްރީމް ކޯޓަށް ޝުޖޫނާއި އަޒްމިރަލްދާ އައްޔަން ކުރަން އެންމެ ފުރަތަމަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި ޖޭއެސްސީން ވަނީ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނިންމައި، އެ ކަން މަޖިލިހުގެ ތަޅުމަށް ފޮނުވައިފަ އެވެ. އަޒްމިރަލްދާ އާއި ޝުޖޫނަށް ރުހުން ދިނުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ބެންޗުގައި މިހާތަނަށް ހިމެނުނު ހަމައެކަނި އަންހެން ފަނޑިޔާރެވެ. ފަނޑިޔާރުކަމުން 2016 ގައި އިސްތިއުފާ ދެއްވި އަޒްމިރަލްދާ އަކީ ޕީއެޗްޑީއެއް ހާސިލް ކުރައްވައިގެން ރާއްޖޭގައި ފަނޑިޔާރު ކަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެމްބަރު ޝުޖޫނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ހައި ކޯޓުގެ ބައެއް ފަނޑިޔާރުން ވެސް ސުޕްރީމް ކޯޓަށް ކުރިމަތިލެއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް މަޖިލިހުގައި ބަހުސް ކުރައްވައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައި ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ އަންހެނުން ބާރުވެރި ކުރުވަން ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

"ރާއްޖޭގެ ދެބައިކުޅަ އެއް ބަޔަކީ އަންހެނުން. އެހެން ކަމަށްވީ އިރު، އަޅުގަނޑުމެންގެ ބަހާއި އަމަލު ސީދާ ކުރުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މެލޭޝިއާ ފަދަ އިސްލާމީ ގައުމުތަކުގެ ސުޕްރީމް ކޯޓުތަކާއި އުއްތަމަ ފަނޑިޔާރުންނަށް އަންހެން ބޭފުޅުން ވަނީ އައްޔަން ކުރައްވައިފަ އެވެ. އެހެންވެ، އެ ކަންކަމަށް ރިއާޔަތްކޮށް، ޝުޖޫނާއި އަޒްމިރަލްދާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް މަޖިލިހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އެންމެ މުހިންމު ކަމަކީ ސިޔާސީ ނުފޫޒު ޝަރުއީ ނިޒާމުގެ ތެރެއަށް ނުވަންނާނެ ގޮތަކަށް، އަޅުގަނޑުމެންގެ ކަންކަން ބައްޓަން ކުރުން. މިކަމުގައި ސިޔާސީ ޕާޓީތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް ގަބޫލު ކުރެވޭ. އިހްލާސްތެރިކަމާ އެކީގައި ޝަރުއީ ނިޒާމު އިސްލާހު ކުރުން މަސައްކަތް ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެން ވެސް ކުރަން ޖެހޭނެ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ބޭފުޅުން އައްޔަން ކުރުމުގައި ދީނީ ގޮތުން ހިޔާލު ތަފާތުވުންތަކެއް އުފެދިފައި އޮތަސް، އިސްލާމް ދީނުގައި މިކަމަކީ ސަރީހަ ނަސްލުން ހަރާމް ކަމެއް ކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓަށް އައްޔަން ކުރަން ހުށަހަޅާފައިވާ ނަންތަކަށް ތާއީދު ކުރައްވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި ޝުޖޫނާއި އަޒްމިރަލްދާއަކީ މިފަދަ މަގާމަކަށް ގާބިލް، ތައުލީމީ ދެ ބޭފުޅުންނެވެ.

ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ދެބަސްވުން އުފެދިފަ އެވެ.

ބައެއް އިލްމުވެރިން ދަނީ އިސްލާމް ދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށް ބުނަމުންނެވެ. އަދި ރާއްޖޭގެ ފަތުވާ މަޖިލިހުން ވަނީ އަންހެނުންނަށް ފަނޑިޔާރު ކަން ނުކުރެވޭނެ ކަމަށް ބުނެ، ބަޔާނެއް ނެރެފަ އެވެ. އެކަމަކު، އެއަށް ރައްދުދީ އެހެން ބައެއް އިލްމުވެރިންނާއި އެހެން ބައެއް ބޭފުޅުން ވިދާޅުވަނީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ދީނުގެ އަސްލަކާ ހިލާފު ކަމެއް ނޫން ކަމަށެވެ.