"އަނދިރި ދައުލަތް" ހުއްޓުވަން ހިސާންގެ ތިން ހުށަހެޅުއްވުމެއް

ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ހިންގަނީ "އަނދިރި ދައުލަތެއް" ކަމަށް ސިފަ ކުރައްވައި، އެ މީހުން ހުއްޓުވަން ތިން ކަމެއް ކުރަން ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ތަމްސީލް ކުރައްވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއަދު ހުށަހަޅުއްވައިފި އެވެ.


ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ހުލާސާ ރިޕޯޓަށް ބަހުސް ކުރައްވައި ހިސާން ވިދާޅުވީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ރިޕޯޓުގައި ރާއްޖޭގައި އަނދިރި ދައުލަތެއް އޮތް ކަމީ ހަގީގަތެއް ކަމަށެވެ.

"ރިލްވާން އެ ދުވަހު ދެއްކި ވާހަކައަކީ މިހާރު ރަސްމީ ސިފައެއްގައި ޑޮކިއުމަންޓް ކުރެވިގެން އަޅުގަނޑުމެން ގަބޫލު ކުރާ ހަގީގަތެއް،" ރިލްވާން ކުރި ޓުވީޓަކަށް އިޝާރާތް ކުރައްވައި ހިސާން ވިދާޅުވި އެވެ.

ހިސާން އެ އިޝާރާތް ކުރެއްވި ޓުވީޓަކީ މީގެ 12 އަހަރު ކުރިން، 2007 ގައި "އެމީހުން އެބައުޅޭ، އެއީ މި ގައުމަށް ހުރި ނުރައްކަލެއް. އަހަރެމެންނަށް ކުރެވޭނީ ކީއް؟" މިހެން ބުނެ ރިލްވާން ކުރި ޓުވީޓެކެވެ. ބެލެވޭ ގޮތުގައި ރިލްވާން އެ އިޝާރާތް ކުރީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންނަށެވެ.

ރިލްވާންގެ އެ ވާހަކަތައް އެގޮތަށް އައުމާއި ރިޔާސީ ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ކަމެއް ނުކޮށް، އަތް އުރާލައިގެން ތިބެން ބޭނުން ނުވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. އަދި ގައުމުގައި އޮތް މި އަނދަވަޅުން ސަލާމަތް ކުރަން ބޭނުންވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ހިސާން މަޖިލިހަށް ހުށަހެޅުއްވި ފުރަތަމަ ކަމަކީ ރިޔާސީ ކޮމިޝަންގެ ރިޕޯޓު ދިރާސާ ކުރުމަށް ފަހު، ފުލުހުންގެ ގާނޫނާއި ކަމާ ގުޅޭ އެހެން ގާނޫނުތައް ދިރާސާކޮށް އެ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ފާހަގަކޮށް އެ އިސްލާހުތައް ގެނައުމެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި ހިސާން ހުށަހެޅުއްވީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމަށް ހާއްސަ އިޖުރާއަތުތައް ކަނޑައަޅައި އެ އިޖުރާއަތުތައް ގާނޫނުގެ ސިފައިގައި ގެނައުމެވެ.

ފަހު ކަމެއްގެ ގޮތުގައި ހިސާން ހުށަހެޅުއްވީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ކުރިއަށްދާ ގޮތާއި މިންވަރު ބަލައި އެކަންކަން ދިރާސާ ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތައް ހިމެނޭ ޓާސްކްފޯހެއް ރައްޔިތުންގެ މަޖިލިހުގެ ފަރާތުން އެކުލަވާލުމެވެ.

ހިސާން ވަނީ އެ ހުށަހެޅުންތަކަށް މެމްބަރުން ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.