އޮސްޓްރޭލިއާގައި ހުރި ކުއްޖާ އަށް ވިސާ ދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ

ސިއްހީ މައްސަލަތަކެއް ހުރި ދިވެހި ފިރިހެން ކުއްޖަކު އޮސްޓްރޭލިއާ އިން ފޮނުވާލަފާނެ ކަމުގެ ބިރު އޮތުމުން ވިސާ ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން މިއަދު އެދިއްޖެ އެވެ.


މިގޮތަށް އެދިވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ ބައްދަލު ކުރައްވަ އެވެ.

ޝާހިދު ކުރެއްވި ޓުވީޓު.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނިއްޔަތަށްޓަކައި އެ ކުއްޖާ އަށް ވިސާ ދިނުމަށް އެ ބައްދަލުވުމުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. އެކަމުގެ ތަފްސީލެއް ޝާހިދު ނުދެއްވަ އެވެ.

ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ދެ އަހަރުގެ ކައިބާން ޖަމްޝާދު އުފަންވީ އޮސްޓްރޭލިއާއަށެވެ. ހިމޮފީލިއާގެ އިތުރުން އުފެދުމުގައި ސިކުނޑި އަށް ގެއްލުންތައް ލިބިފައިވެ އެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުތައް އޮންނަ ގޮތުން ސިއްހީ ބޮޑު މައްސަލައެއް ހުންނަ ފަރާތްތަކަށް ވިސާ ނުދިނުމާއި އެ ގައުމުގެ ރައްޔިތުކަން ނުދީ ހިފެހެއްޓެ އެވެ. އޮސްޓްރޭލިއާގެ އޭބީސީ ނިއުސް އިން ބުނީ އެކަންކަމަށް ކޮންމެ ހަފުތާއަކު ވެސް ފަރުވާ ހޯދަން ޖެހޭ ކަމަށެވެ. އެހެންވެ އެ ކައިބާން އަށް ވެސް ވިސާ ނުދޭން އޮސްޓްރޭލިއާގެ ހޯމް އެފެއާޒް ޑިޕާޓްމެންޓުން ނިންމައިފައިވާ ކަމަށް އޭބީސީން ބުނެ އެވެ.

ކައިބާނަށް ވިސާ ނުލިބިދާނެ ކަމުގެ ބިރު އޮތުމުން، "ސޭވް ކައިބާން" ނަމުގައި އޮންލައިންކޮށް ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ދާދި ފަހުން ފެށި އެވެ. އެ ޕެޓިޝަންގައި މިހާތަނަށް 30،000 އެއްހާ މީހުން ސޮއިކުރި ކަމަށް ދައްކަ އެވެ.

އޭބީސީން ބުނާ ގޮތުގައި ކައިބާން އަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން އެކަށީގެންވާ ފަރުވާ ނުލިބޭނެކަން އަންގައި، ވެސްޓަން އޮސްޓްރޭލިއާގެ ހިމޮފީލިއާ ސާވިސް އިން ހޯމް އެފެއާޒް ޑިޕާޓްމެންޓަށް ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު ހޯމް އެފެއާޒް އިން ނިންމީ، އޭބީސީން ބުނި ގޮތުގައި، އެ ކުއްޖާ އަށް ވިސާ ދޭން ޖެހޭ ފަދަ ކަންތައްތަކެއް ހުރި ކަމުގެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށެވެ.

އޭބީސީން ބުނީ ކައިބާން ވިސާ ނުދިނަސް، އާއިލާގެ އެހެން މެމްބަރުންގެ ވިސާގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ. ކުއްޖާގެ މަންމަ އޮސްޓްރޭލިޔާގައި މަސައްކަތްކުރަނީ ސޯޝަލް ވޯކަރެއްގެ ގޮތުގަ އެވެ.