ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


އެމްއެމްއޭގެ ގަވަރުނަރު ކަމަށް އަލީ ހާޝިމް އައްޔަން ކުރަން ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަލީ ހާޝިމްގެ މައްސަލަ ދިރާސާކުރި މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ 10 މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ގަވަރުނަރު ކަމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށެވެ.

މަޖިލިހުގައި ނެގި ވޯޓުގައި ގަވަރުނަރަކަށް އަލީ ހާޝިމް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

އަލީ ހާޝިމް ފިނޭންސް މިނިސްޓަރު ކަން ކުރެއްވީ 2008-2010 މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ގަވަރުނަރަކަށް އަލީ ހާޝިމްގެ ނަން ފޮނުއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމުންނެވެ.

އަލީ ހާޝިމް ވަނީ އައްޑޫ އިންޓަނޭޝަނަލް ކުންފުނީގެ ޗެއާމަންކަން ވެސް ކުރިން ކުރައްވައިފަ އެވެ. މިހާރު އޭނާ ހުންނެވީ ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީގެ ޗެއާމަނަކަށެވެ.

މިއަދުގެ ޖަލްސާގައި ވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވަން ނިންމައިފަ އެވެ. އެ ރިޕޯޓު މަޖިލިހުގެ ކޮމިޓީ އަށް ފޮނުވީ މަޖިލިހުގެ ތަޅުމަށް ހުށަހެޅި ބައެއް އިސްލާހުތަކާ ވެސް އެކީގަ އެވެ.