ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވޭ ކަމަށް. ފައިލްފޮޓޯ/މިހާރު
05 ސެޕްޓެމްބަރ 2019 - 21:52
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް އޮތަސް، ސަރުކާރު ޖަވާބުދާރީ ކުުރުވަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސްކަން ކުރައްވާ ނަޝީދު ވިދާޅުވީ މަޖިލީހުގެ މިއަދު ނިމުނު ދައުރުގެ ތެރޭގައި މިނިސްޓަރުން 20 ފަހަރު ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. ދައުލަތުން އެކި ކުންފުނިތަަކަށް ބޮޑެތި އަދަދުތަކުން ބަދަލްދޭން ޖެހޭ މައްސަލައިގައި މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސްކުރުމަކީ ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވި އެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ވަޒީރުން ޖަވާބުދާރީ ކުރުން އަދި ސަރުކާރު ޖަވާބުދާރީ ކުރުމުގައި މަޖިލީހުން އެބަ ރަނގަޅު މަސައްކަތްތަކެއް ކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.
އެކި މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވާ ނަންފުޅުތައް އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތަށް މަޖިލީހުން ކޮންމެ ފަހަރަކު ފާސްކޮށްދެމުން ދިއުމަކީ "ރަބަ ސްޓޭމްޕް ޖެހުން" ކަމަށް ނުވާނެތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ ނަންތައް ފޮނުއްވަނީ މަޖިލީހާ މަޝްވަރާ ކުރައްވައިގެން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މި މަޖިލީހާ މި ސަރުކާރާ މީ އެއް ޕާޓީއެއްކަން. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ މިތަނަށް ނަންފުޅެއް ފޮނުއްވާނީ އަޅުގަނޑުމެން ކާރީގައި ވެސް އައްސަވައިލައްވާފަ ނޫންތޯ، ހަމަ އަޅުގަނޑުމެން ވެސް އެކަމާ ވިސްނާލާފައި ނޫންތޯ ނަންފުޅެއް ފޮނުއްވާނީ؟ ދެން އަޅުގަނޑަކަށް ހިއެއް ނުވޭ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އެކަން އޮޅިފައި ވާނެ ހެނެއް،" ހިނިފުޅުވަޑުވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ބޮޑެތި އަދަދުތަކުން ބަދަލު ދިނުން ހުއްޓުވަން މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން ކުރަމުން އަންނަ ބަހުސްގެ ވެސް އަމާޒަކީ ސަރުކާރަށް އެކަމުގައި ގާނޫނީ ހަލެއް ހޯދައި ދިނުމެވެ. އެހެން ނަމަވެސް ބަދަލު ދިނުމުގައި ސަރުކާރުން މިހައިތަނަށް އަމަލުކުރަމުން އައިސްފައި ވަނީ ވެސް މުޅިން ގޯސްކޮށެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ހަމަ ހުކުމެއް ކުރާ އިރަށް ބަދަލުދޭ އުސޫލެއް މިހާރު ވެސް ނުގެންގުޅޭ ކަމަށް ވިދާޅުވި އެވެ.
"މަޖިލީހުން އެދެނީ ބަދަލު ދިނުމުގައި ސަރުކާރަށް ބުރަވާ ގޮތަށް، ދައުލަތަށް[ބުރަވާ ގޮތަށް] އެކަން ނުކުރައްވާށޭ. އަދި ބަދަލެއް ދޭންޖެހޭ ކަމަށް ހަމަ ބޭފުޅަކު ވިދާޅުވާ އިރަށް އެ ބަދަލެއް ދިނުން އަވަސްވެގަތުމަކީ، މިހާރުވެސް ސަރުކާރުން އަމަލުކުރައްވަމުން ގެންދަވާ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނާ ޚިލާފަށް އެއްބަސްވުންތައް ބާތިލްކުރުމުން އެކި ފަރާތްތަކަށް ދައުލަތުން ދޭންޖެހޭ ބަދަލުގެ މިންވަރު މިހާރު 6.6 ބިލިއަނަށް އަރަ އެވެ. އެއީ ދައުލަތުގެ އެއް އަހަރުގެ ބަޖެޓުގެ 23 ޕަސެންޓަށް ވުރެ ވެސް ބޮޑު އަދަދެކެވެ. އޭގެ ތެރެއިން 1.1 ބިލިއަން ރުފިޔާގެ މައްސަލަތައް ރާއްޖެއިން ބޭރުގެ އާބިޓްރޭޝަނުންނާއި ރާއްޖޭގެ ކޯޓުތަކުން ނިމިފައިވާއިރު، ބާކީ ހުރި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަތައް ވެސް ކާމިޔާބު ވެދާނެ ކަމުގެ އެއްވެސް އުއްމީދެއް ސަރުކާރަކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެއްޔާ، އެކުވެރިސުވައިދީބް
06 September 2019
ބިޑި ސުއްޓާ އަނބުރައިގެން ބޯން އެނގުމަކުން އަދި ގައުމެއް ހިންގާން ނޭނގިދާނެ އެވެ.
އިންޖީލް
06 September 2019
ޚުދުމުޚްތާރުކަން ހައްދު ފަހަނަޅާ. އޭރު މައުމޫން ރަބަރު ސްޓޭމްޕަކަށް ހަދާ ބުނެ ވެރިކަމަށް އައި މީހުން އެއަށްތުރެ ނުބައި. ކިހާ ދެރަކަމެއް. މިއޮތީވާ ގައުމެއް.
ނަދީމް45
06 September 2019
ބަލަ ރައްޔިތުން ވޯޓު ދިނީ. ށޯ؟
އަލިބެއްޔާ، އެކުވެރިސުވައިދީބް
06 September 2019
އެހެންވެ ނޫންތޯ ވައުދުތައް ފުލުފުލުގަ ފުއްދައި ދެއްވަނީ. ރިސޯޓް މުވައްޒަފުން (ދިވެހި) ގެ ވާހަކަ ދައްކަވަނީ ހުވަފެނުގަ.
ހުވަދޫ ޑޮކް
06 September 2019
ރިޒޯޓް މުވައްޒުފުންނަށް ވަނީ ވަރަށް ބޮޑަށް އޮޅުވާލެފައި އަދި އިޚްމާލުވެވިފަ!! މިސިނާޢަތުން ދިވެހީންނަށް ކުރާފައިދާ ނުހަނު ކުޑަ .... މި ސަރުކާރު ހަމަ ސަކްސް އެންޑް ޓޯކިން ނޮންސެންސް
މަސްވެރިޔާ
05 September 2019
"އެނގިވަޑައިގަންނަވާނެ މި މަޖިލީހާ މި ސަރުކާރާ މީ އެއް ޕާޓީއެއްކަން. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ މިތަނަށް ނަންފުޅެއް ފޮނުއްވާނީ އަޅުގަނޑުމެން ކާރީގައި ވެސް އައްސަވައިލައްވާފަ ނޫންތޯ، ވަރަށް ސާފު. މަހީކުރީ އެއީީ ރައްޔިތުންގެ މަޖިލީހެއްކަމަށް. މިހާރު ޔަޤީންވެއްޖެ އެއީީ އެކުދިން ބުނާހެން އެމްޑީޕީީގެ އެކްޓިވިސްޓުންގެ ޕާޓީއެއްކަން.
ހުރިޝް
05 September 2019
ޖަވާބުދާރީ ކުރެވޭނީ ތިހާވަރަށް..ހުރިހާ މިނިވަން މުއައްސަސާއަކާއި ކޯޓްތަކަށް ޕާޓީ ފިކުރު މީހުން ލަނީ..ވެރިކަމާއި ބާރު ލިބުނީމަ ތަފާތެއް ނުފެނޭ..
އޭޑީ
05 September 2019
ރާއްޖެއާއި އިންޑިޔާއާއި ދެމެދު ކޮށްގެން އުޅެނީކީ މި ޒަމާނުގައި ދޭދޭ ގައުމުތަކުގެ މެދުގައި ހަމަ ކޮށް އުޅޭ ޒާތުގެ އެގްރިމެންޓުތަކެއް! މިއީ އާކަމެއްނޫން. ދުނިޔޭގެ ތަހުޒީބު ނޭންގިތިބެ ހިދާތޫ ގޮނޑުދޮށަށް ބަލަން އޮވެ ކޮމެންޓުކުރިޔަސް އަދި ދުނިޔޭގެ އާދަކާދަތަކެއް ދަހެއްނުވާނެ. ތަންކޮޅެއް ބޮޑަށް ތަހުޒީބުވޭ، ފޯނުގައި ހުރި އިންޓަނެޓުން ފޭސްބުކަށް ވަނުމުގެ ބަދަލުގައި ދުނިޔެ ދަސްކުރަން ގޫގަލްކުރޭ
ޓާޒަން / ބ.ހިތާދޫ
05 September 2019
ތިކަމެއް ނޭންގޭ. ރާއްޖެ އަޅުވެތިވާފަދަ އެގުރިމެންޓްތައް ސަރުކާރުން އިންޑިޔާއާ ކުރާއިރު މަނިކުފާނު ތިހުންނަނީ ފެހިބޮކި ދިއްލައިގެން ހެވިދިއްލިފާ. މިއަށްތޯ ޖަވާބުދާރީކުރަނީއޭ ތިޔަ ކިޔަނީ؟