ތައުލީމަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ މިސަރުކާރުން: ރައީސް

ރާއްޖޭގެ ތާރީހުގައި ވެސް ތައުލީމަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މި ސަރުކާރުން ކަމަށާއި އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ނ. ކުޑަފަރީ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރަން އެ ރަށުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ރައީސް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައީ ހުރިހާ ދާއިރާއަކުން ރައްޔިތުންނަށް އޮތް ދަތިތައް ބަލައި އެ ކަންކަން ހައްލުކުރަން ކަމަށެވެ. ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ދަރިވަރުންގެ ދަތިތައް ބަލައި އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ޅަފަތުގެ ތައުލީމުން ފެށިގެން ޔުނިވާސިޓީ ތައުލީމަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ މުޅި ތާރީހުގައި ވެސް ރައްޔިތުންނަށް ކިޔަވައިދިނުމަށް ދައުލަތުގެ ފަރާތުން އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މިސަރުކާރުން. އެކަމުގެ ހެޔޮ ނަތީޖާ މާތްﷲގެ ވާގިފުޅާއެކު މާ ލަސްތަކެއް ނުވެ ފެންނާނެ،" އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ކުޑަފަރީ ސްކޫލްގެ ރަން ޔޫބިލް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް މިސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި ޑިގްރީ އަށް ކިޔެވުމުގެ ފީ ސަރުކާރުން ދޭން ވެސް ވަނީ ފަށައިފަ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކޮށްދޭ ކަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބެލެނިވެރިން ދަރިވަރުންނަށް މަގު ދައްކައިދޭން ޖެހޭ ކަމަށެވެ. މަތީ ތައުލީމް ހާސިލް ކުރުމަށް ސަރުކާރުން ފަހިކޮށްދީފައިވާ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު ހުރި ފުރުސަތުތަކަށް ބަލާއިރު ގްރޭޑް 12 ނިންމާފައި ކިޔެވުން ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިހެން ދަންނަވާއިރު ވެސް އަޅުގަނޑަށް އެނގޭ އާއިލީ އެތައް ސަބަބުތަކަކާއި މާލީ އެތައް ދަތިތަކެއް ވެސް އެކަމުގަ ވަރަށް ބޮޑު ދައުރެއް އަދާ ކުރާކަން،"

ސަރުކާރުގެ ތައުލީމުގެ ސިޔާސަތުގެ އަމާޒަކީ އިލްމީގޮތުން ހޭލުންތެރި ބަޔަކު އުފެއްދުމުގެ އިތުރުން އަމަލީ މައިދާނަށް ކުދިން ތައްޔާރު ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިސަރުކާރުގެ ވަށާޖެހޭ ތައުލީމީ ސިޔާސަތުގެ ދަށުން ދަސްވެނިވާ ކޮންމެ ކުއްޖަކު ވެސް ހުންނާނީ އަމަލީ މައިދާނަށް ތައްޔާރު މީހަކަށް ވެފަ އެވެ.

ކުޑަފަރީ ރައްޔިތުން ތައުލީމަށް ދޭ ސަމާލުކަން ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން އެ ރަށު ރައްޔިތުންނަކީ ފެންވަރު ރަނގަޅު ތައުލީމެއް ދިނުމަށް އިސްކަން ދޭ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެންމެ ކުރިންސުރެ ކުޑަފަރީ މީހުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަން އެނގެނީ އެ ދުވަސްވަރު އިލްމީ ގޮތުން އެންމެ މަޝްހޫރު ރަށްރަށުން އެދުރުން ގެނެސް އުޖޫރަ ދީގެން ތައުލީމް ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވާތީ،"

ކުޑަފަރީ ސްކޫލަށް އެންމެ ބޮޑީ ޖާގައިގެ ދަތިކަން ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި އެ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.