ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށްލުމަށާއި 100،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާސިފްގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އޭނާ ރާއްޖެ އައިއިރު ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައިގަ އެވެ.
ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓަކުން އާސިފް ރާއްޖެ އައިއިރު ދިރުވާލައިގެން 35 ބުލެޓްގައި 286 ގްރާމްގެ މަސްތުވާތަކެތި އެތެރެކޮށްފައިވެ އެވެ.
ހުކުމުގައި ވަނީ އާސިފް އަމިއްލަ އިއުތިރާފުން، އޭނާގެ މައްޗަށް ކުށް ސާބިތުވާތީ، އޭނާ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަސް ތެރޭގައި ކޯޓަށް ދައްކަން އަންގާ ކަމަށެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.
މީހެއްގެ ހަށިގަނޑުގެ ބަޔަކުން ނުވަތަ އެހެން މީހަކަށް ބާރު ނުހިންގޭ ގޮތަށް މީހަކު ހިފައި ގެންގުޅޭ އެއްޗަކުން ނުވަތަ ތަނަކުން މަސްތުވާއެއްޗެއް ފެންނަ ހާލަތުގައި އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ބެލެވޭނީ އެއީ އެ މީހެއްގެ އެއްޗެއްގެ ގޮތުގަ އެވެ. އެއީ އެމީހެއްގެ އެއްޗެއް ނޫން ކަން ސާބިތުކޮށް ދިނުމުގެ ޒިންމާ މަސްތުވާތަކެތީގެ ގާނޫނުން މަތިކޮށްފައި އޮންނަނީ ތުހުމަތު ރައްދުވާ ފަރާތަށެވެ.