ވަގަށް ވެހިކަލް އެތެރެކުރި މައްސަލާގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑް ކޮށްފި

ދެ ކޮންޓެއިނަރެއްގައި ރާއްޖެ އަށް ވަގަށް ވެހިކަލް އެތެރެކުރި މައްސަލާގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށްފި އެވެ.


ރާއްޖެ އަށް ވަގަށް އެތެރެ ކުރި 21 ވެހިކަލެއް މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ހޯދައިފަ އެވެ. އެތަކެތި ހޯދީ ވަގަށް އެތެރެކޮށް ހުޅުމާލޭގައި ފޮރުވާފައި ހުއްޓަ އެވެ. އެ ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000ރ. އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭރު ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން "މިހާރު" އަށް ވިދާޅުވީ މައްސަލަ ބަލަން ފެށުމާއެކު ދެ އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އެ ދެ އޮފިސަރުން ސަސްޕެންޑްކުރި އެ މައްސަލައިގެ ތަހުގީގު ނިމެންދެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ވެހިކަލްތައް ބަނދަރުން ވަގަށް ބޭރު ކުރިގޮތާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިވަގުތު އެ ކަންކަން ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނުނު ކަންކަން އެބަހުރި. ތަހުގީގަށް ހުރަސް އެޅިދާނެތީ އަދި ހާމަ ކުރެވޭކަށް ނެތް،" ނުއުމާން ވިދާޅުވި އެވެ.

އެ އުޅަނދުތައް ވަގަށް ގެނައީ ލަކުޑީގެ ނަމުގަ އެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ވަނީ އަތުލައިގެންފަ އެވެ.

އެ މައްސަލައާ ގުޅިގެން އޭރު ނެރުނު ބަޔާނުގައި، ކަސްޓަމްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމްކޮށް ނެގެހެއްޓުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ފަސްޖެހުމެއްނެތި އަޅާނެކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ޑިއުޓީ އަށް މަކަރު ހަދައި، ވަގަށް މުދާ އެތެރެކުރާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ތަހުގީގީ އިދާރާތަކުން ބުނާގޮތުގައި އެފަދަ ކަންކަން ކުރަމުން ދަނީ ކަސްޓަމްސްގެ މުވައްޒަފުންނާ ގުޅިގެން އެ މީހުންނަށް ރިޝްވަތު ދީގެންނެވެ.