ވަގަށް އެތެރެކުރި 21 ވެހިކަލް ހޯދައިފި

ދެ ކޮންޓެއިނަރެއްގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރި 21 ވެހިކަލެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.


ކަސްޓަމުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. މި ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000ރ. އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކަސްޓަމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކަސްޓަމުން ބުނި ގޮތުގައި އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެ ފައިސާ ދައުލަތަށް ލިބެން ޖެހެ އެވެ.

އެހެންވެ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އޮޕަރޭޝަން ހިންގުމަށް ފުލުހުން ދިން އެއްބާރުލުމަށް ކަސްޓަމްގެ ބަޔާނުގައި ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން ކަސްޓަމުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމުކޮށް ނެގެހެއްޓުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ފަސް ޖެހުމެއް ނެތި އަޅަމުންދާ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ކަސްޓަމްގެ ބަޔާނުގައިވެ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނާއި ކަސްޓަމްސް އިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކާރުތައް ހޯދީ، ހުޅުމާލޭގެ ގާކޮށި ސަރަހައްދުގައި ފޮރުވާފައި ހުއްޓަ އެވެ. އަދި އެ ވެހިކަލްތައް މާލެ ޕޯޓް ސަރަހައްދުން ނެރުނީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް އެއްވެސް ފައިސާއެއް ނުދީ އެވެ.