ދެ މީހުން ހިފެހެއްޓީ މުވައްޒަފުންގެ ހުނަރުވެރިކަމުން: ކޮންޓްރޯލަރު

އެހެން މީހެއްގެ ޕާސްޕޯޓުގައި، ޝަހުސު އޮޅުވާލައިގެން މިދިޔަ ދެ ދުވަހު ރާއްޖެ އެތެރެވާން އުޅުނު ދެ މީހުން ހިފެހެއްޓީ އިމިގްރޭޝަން މުވައްޒަފުންގެ ހުނަރުވެރިކަމާއި ގާބިލްކަމުގެ ސަބަބުން ކަމަށް އެ ތަނުގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.


ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ދެ މީހަކު ހިފެހެއްޓިޔަސް، އެމީހުންނާ ބެހޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން އަދި ނުދެ އެވެ. ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި އެ ދެ މީހުން ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ހަނަފީ ވިދާޅުވީ، އެކި މައްސަލަތަކުގައި ކޮންމެ މަހަކު، ބޯޑަރުން އެތެރެވުން މަނާކޮށް 100 އަށް ވުރެ ގިނަ މީހުން ޑީޕޯޓު ކުރާ ކަމަށެވެ. އޭގެ ތެރޭގައި އެހެން މީހެއްގެ ޕާސްޕޯޓުގައި، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިހާތަނަށް އައި އިރު، އެގޮތަށް އެތެރެވީ ކިހާ ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދި އެމީހުން ރާއްޖެ އެތެރެވާ ސަބަބެއް މުހައްމަދު ވިދާޅެއް ނުވެ އެވެ.

ހަނަފީ ވިދާޅުވި ގޮތުގައި، އެހެން މީހެއްގެ ޕާސްޕޯޓުގައި، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވަނިކޮށް އެތައް ބަޔަކު ހިފަހައްޓައި ޑީޕޯޓުކޮށްފައިވާނެ އެވެ. އަދި އެފަދަ މައުލޫމާތުތައް ސޯޝަލް މީޑިއާގައި އާންމު ކުރަން ފެށީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ކަހަލަ ކަންކަން ހުއްޓުވުމަކީ އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް. މި ކަންކަން ހުއްޓުވަން މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީން ދީފައި ވާނީ. ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރުން ގެނެސްގެން މި ތަމްރީންތައް ދިނީ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން، ޝަހުސު އޮޅުވާލައިގެން އެހެން ގައުމުތަކަށް އެތެރެވުމަކީ އާންމު ކަމެކެވެ.

"ދުނިޔޭގެ އެހެން އެއާޕޯޓުތަކުގައި ފާހަގަ ނުވެ، ރާއްޖެ އެތެރެވާން އުޅެނިކޮށް ވެސް ހިފެހެއްޓިފައި އެބަހުރި މީހުން،" ހަނަފީ ވިދާޅުވި އެވެ.

އިމިގްރޭޝަނުން ވަނީ ރާއްޖެ އެތެރެވާން އުޅުނު ދެ މީހުންގެ ޕާސްޕޯޓުގައިވާ ފޮޓޯ އާއި އަސްލު މީހާގެ ފޮޓޯތައް ވެސް އާއްމުކޮށްފަ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފުވެގެން ޑީޕޯޓު ކުރުމުން، ޝަހުސު އޮޅުވާލައިގެން އެ މީހުން އެނބުރި ރާއްޖެ އާދެ އެވެ. އަދި ބައެއް މީހުން ރާއްޖެ އެތެރެވެ، ޕާސްޕޯޓާއި އެހެން ލިޔެކިޔުންތައް ފޮރުވައި ގަސްތުގައި ގަވައިދާ ހިލާފުވެ އެވެ. އޭރުން އެ މީހުން ރާއްޖޭން ޑީޕޯޓު ކުރެވޭނެ ގޮތެއް ނޯވެ އެވެ.

މިކަންކަން ހުއްޓުވުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރު ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތްތައް ފަށައިފަ އެވެ.